މި އުންމަތުގެ މާތް ނަބިއްޔާގެ ޢީދު މީލާދުގެ އުފާ ފާޅުކުރަމުންދާއިރު، މުސްލިމުން އެންމެ އިސްކަން ދޭންވީ ކަމަކީ އެލަކޭގެފާނު ކޮންމެ ކަމެއްގައިވެސް ދައްކަވާފައިވާ މަތިވެރި ނަމޫނާއަށް ޢަމަލީ ގޮތުން ތަބާވުމަށް ކަމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.
ކީރިތި ރަސޫލާގެ ޢީދު މީލާދުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވައި އެމްއާރުއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، ކީރިތި ރަސޫލާގެ ވަސްމީރު ޒިކުރާއިން އިބްރަތްތެރި ފިލާވަޅުތަކެއް ހާސިލްކުރުން ކަމަށެވެ.
“އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި ހިދާޔަތުގައި އަބަދުމެ ހިފެހެއްޓޫމުގެ ޢަޒުމް އާކޮށް އާލާކުރުމެވެ. އެކަލޭގެފާނުގެ މަތިވެރި ޚުލްޤުފުޅާއި ގެންގުޅުއްވި މާތް ރީތި އުސޫލަތް ޢަމަލީ ގޮތުން ނަމޫނާއަކަށް ބެލުމެވެ.”، އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި އެމްއާރުއެމް އިން އިތުރަށް ބުނެފައި ވަނީ ކީރިތި ރަސޫލާގެ ސީރަތްޕުޅުން އެނގޭ ގޮތުގައި އެލަކޭގެފާނުގެ އެންމެ ޚާއްސަ ސިފަފުޅަކީ އޯގާތެރިކަމުގެ ނުވަތަ ރަޙްމަތުގެ ނުވަތަ އެންމެންނަށްވެސް ރަޙުމް ކުރެއްވުމުގެ މާތް ސިފަފުޅު ކަމުގައެވެ.
“އެކަލޭގެފާނު އެންމެންނަށް އޯގާތެރިވެ ވަޑައިގަތެވެ. އެންމެންނަށް ރަޙުމް ކުރެއްވިއެވެ. އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށާއި، ބޭފުޅުންނަށާއި، ގާތްތިމާގެ ބޭފުޅުންނަށެވެ. އަޞްޙާބު ބޭކަލުންނަށެވެ. ދެނެވަޑައިގަންނަވާ މީހުންނަށާއި ދެނެވަޑައިގަންނަވާ މީހުންނަށެވެ. އަދި އެއްވެސް މީހަކާމެދު ހިތްޕުޅު ނުބައެއް ނުކުރައްވައެވެ. އެއްވެސް މީހަކަށް ކުޑައިމިސް ބަސްފުޅެއް ވިދާޅެއް ނުވެއެވެ.”، އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެމްއާރުއެމް އިން ބުނީ މުސްލިމުން އެންމެ އިސްކަންދޭންވީ ކަމަކީ ކޮންމެ ކަމެއްގައި ރަސޫލާ ދެއްކެވި ނަމޫނާއަށް ޢަމަލީގޮތުން ތަބާވުމަށް ކަމަށެވެ.
“ވަކިން ޚާއްސަކޮށް އެންމެންނާމެދުވެސް އެކަލޭގެފާނު ގެންގުޅުއްވި މާތް ރީތި ގޮތްތައް ދަސްކުރުމެވެ. އަޅުގަނޑުމެންނަކީ އެންމެންނަށްވެސް އޯގާތެރިވާ އެންމެންނަށްވެސް ރަޙުމްކުރާ، އެންމެންނަށްވެސް ކަމޭހިތާ، އެއްވެސް މީހަކާމެދު ކުޑައިމިސް ބަހެއް ނުބުވާ އީމާންތެރި ބަޔަކަށް ވެވޭތޯ ގަދައަޅައި މަސައްކަތް ކުރުމެވެ.”، އެ ބަޔާނުގައި އެމްއާރުއެމް އިން ބުނެފައި ވެއެވެ.
އެމްއާރުއެމް އިން ވަނީ ކީރިތި ރަސޫލާގެ ހަޔާތްޕުޅުން އިބްރަތް ހާސިލްކޮށް، އެއްބައިވަންތަކަމާއި ހަމަހަމަކަމުގެ އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިތައި، އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ސުލްހަމަސްލަހަތު ދެމެހެއްޓުމުގެ މަތިވެރި ޢަޒުމް އިތުރަށް ވަރުގަދަ ކުރުމަށް ގޮވާލައިފަ އެވެ.