English Edition
Dhivehi Edition

ބުއްދިވެރިކަމާ އެކީ ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދި އަކީ އެމީހާގެ މައްޗަށް ހުރި ވަބާއެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި “ބުއްދީގެ ނިއުމަތް ” މި މައުޟޫއަށް އިއްވި ޚުތުބާގައި ބުއްދިވެރިކަމާއި ބެހޭގޮތުން ވަނީ ގިނަ ވާހަކަ ތަކެއް ހިމަނާފައެވެ. އެގޮތުން ، ބުއްދިއަކީ އިންސާނާގެ ފާރަވެރިޔާ ކަމަށާއި، އޭނާގެ ކަރާމަތާއި އަބުރާއި ޝަރަފުގެ ތަޅުދަނޑި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ބުއްދިއަކީ ރިޒުގު ދެއްވާފަދައިން އެކިވަރުވަރަށް އެކި އިންސާނުންނަށް ﷲ ދެއްވާފައިވާ މަތިވެރި ނިއުމަތެއް ކަމަށް ވެސް ޚުތުބާގައި ވެއެވެ.

“ބުއްދިވެރިކަމާ ނުލައި ދީންވެރިކަމެއް ނެތް. ދީންވެރިކަމާ ނުލާ ލަދުވެތިކަމެއް ނެތް . މިއީ އިންސާނާގެ ދުނިޔެ އާއި އާހިރަތް ބާއްޖަވެރިކޮށްދޭ މާތް ސިފަތައް. ބުއްދިވެރިކަމާ އެކީ ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދި އަކީ އެމީހާގެ މައްޗަށް ހުރި ވަބާއެއް ” ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ބުއްދިވެރި އިންސާނާ ތިން ކަމަކަށް ވަގުތު ހުސްކުރާނެ ކަމަށެވެ. އެއީ އަމިއްލައަށް އޭނާގެ އަމަލުތައް މުރާޖައާކޮށް ނަފްސްގެ ހިސާބު ބެލުމަށް ހޭދަކުރާ ވަގުތާއި، އޭނާގެ ވެރި ރަސްކަލާނގެއަށް އިސްތިއުފާރުކޮށް މުނާޖާ ދެންނެވުމަށް ހޭދަ ކުރާ ވަގުތާއި އަދި އޭނާގެ ނަފްސު ހުރި އުނި ސިފަތައް ހޯދައި ބެލުމަށް އޭނާގެ އަހުންނާއި އެކު ހޭދަކުރާ ވަގުތު ކަމަށެވެ. މިކަންކަމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރި ކަމަށް އިންސާނާއަށް މަގު ދައްކައިދޭނޭ ކަންކަން ކަމަށް ޚުތުބާގައި ބުންޏެވެ.

ކީރިތި ގުރުއާނުގެ އެތައް އާޔަތްތަކެއްގައްޔާއި މާތް ނަބިއްޔާ މުހައްމަދުގެފާނުގެ ސުންނަތުގައި ބުއްދީގެ މުހިއްމުކަން ބަޔާން ކުރައްވައިފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ ހެޔޮގޮތުގައި ބުއްދީގެ ބޭނުން ހިފާ މީހުންނަށް ތައުރީފް ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އިސްލާމް ދީނުގައި ހުރި ބައެއް ކަންކަމަކީ ހަމައެކަނި އިންސާނާގެ ބުއްދީގެ ބޭނުންކޮށްގެން ނުވަތަ މިޒަމާނުގެ ސައިންސްގެ އަލީގައި އޭގެ ތެދު ދޮގު ކަށަވަރު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ﷲ ތައާލާ އެކަނލާގެ ނަބީންނާއި ރަސޫލުންނަށް ދެއްވި ބައެއް މުއުޖިޒާތަކީ މި މާއްދީ ދުނިޔޭގައި ﷲ ލައްވާފައިވާ ގުދުރަތީ އާދަ ފޫވައްޓާލަނިވި ކަންކަމަށް ޚުތުބާގައި ބުންޏެވެ.