English Edition
Dhivehi Edition

ސަރުކާރުގެ ވަރަށް އިސް މަޤާމްތަކުގައި ތިބި ފަރާތްތަކުން ސީދާގޮތުން މެސެޖުކޮށްގެންނާއި ގުޅައިގެންނާއި އަދި އެހެން މީހުން މެދުވެރިކޮށްގެން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަލަށްލުމަށް ޙުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

ގާޒީ ހައިލަމް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަޤާމްތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން އޭނާގެ ގާތް މީހުން މެދުވެރިކޮށް އޭނާއަށް ނުފޫޒުފޯރުވަން ވަރަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

“އަދި މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައިވަނީ މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ދުވަހުއެވެ.”، އެ ބަޔާނުގައި ހައިލަމް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ހައިލަމް ވިދާޅުވީ ޔާމީން ޖަލަށްލުމަށް ޙުކުމްކުރާނެކަމުގެ ކަށަވަރުކަން ނުދެވޭނެކަމަށް ބުނުމުން، އިސްވެ ބަޔާންކުރެވުން 19 މެއި 2019 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއާ ދެމެދު ހިނގައިދިޔަ ފައިސާގެ ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބައޮތް ކަމަށާއި، ޙުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެމައްސަލަ ބެލޭނެކަމުގެ އިންޒާރު ދިނުމުގެ އިތުރުން ސަސްޕެންޑްކުރާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

“މިނުފޫޒު މިގޮތަށް ހިނގަމުންދާކަން މިއަދު ކްރިމިނަލް ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި ޤާޟީއަށް ވެސް ވަރަށް ރަނގަޅަށް މިހާރު އެނގިވަޑައިގަންނަވާނެ އެވެ. އަދި ސަސްޕެންޑްވާން ބޭނުން ނުވާނަމަ އިތުރު އެހެން ގޮތެއް ނެތްކަން ވެސް މިހާރު އެނގިވަޑައިގަންނަވާނެ އެވެ.”، އެ ބަޔާނުގައި ހައިލަމް ވިދާޅުވެފައި ވެއެވެ.

ހައިލަމް ވިދާޅުވީ ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ޙުކުމް ކިތަންމެ މަތީ މަޤާމެއްގައި ހުރި ފަރާތަކަށް ވިޔަސް، ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުންނަށް އަމާޒުކުރައްވައި ހައިލަމް ވިދާޅުވީ ސަރުކާރުގެ ވަޒީރުންގެ ތެރޭގައިވެސް ކުރީގެ މަޖިލިސް މެމްބަރުންނާއި އަދި މިހާރުގެ މަޖިލިސް މެމްބަރުންގެ އަތުން ފައިސާ ނެގުން ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ޙައްޤުވާ ފަރާތްތައްވެސް އެބަތިއްބެވި ކަމަށާއި، ސަރުކާރުގެ މަޤާމެއްގައި ހުރި ކޮންމެ ފަރާތެއްގެ ބޭންކް އެކައުންޓުގައިވެސް އޭނާގެ ގާތް މީހުން އެކި ކަންކަމުގައި ބަދަލުކޮށްފައި ހުންނަ ފައިސާގެ މުޢާމަލާތް ފެންނަން ހުންނާނެ ކަމަށެވެ.

ހައިލަމް މިހެން ވިދާޅުވިއިރު، ޖޭއެސްސީ އިން ވަނީ ހައިލަމް މިހާރު ސަސްޕެންޑްވެސް ކޮށްފައެވެ. އަދި އިސްޤާޒީ ހައިލަމްއާއެކު އަލްހާން ފަހުމީގެ ފަރާތުން 10 މެއި 2019 ވަނަ ދުވަހު ދެކައްލަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ދަންނަވައި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ފާހަގަކޮށްފައިވާ ކަމަކީ، ފަނޑިޔާރަކާ ގުޅިގެން ފާހަގަކޮށްފައިވާ ސީރިއަސް މައްސަލައެއް ކަމަށް ވާތީ، އެ މައްސަލަ ތަޙުޤީޤު ކުރުމަށްވެސް ޖޭއެސްސީ އިން ވަނީ ނިންމައިފަ އެވެ.

އެމައްސަލައާއި ގުޅޭގޮތުން ހައިލަމް މިރޭ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާ މަސައްކަތްކުރަމުން ދިޔައީ ކްރިމިނަލް ކޯޓުގައި ކަމަށްވާއިރު، އަލްހާން ފަހުމީ އަކީ އެއްވެސް ކަމެއްގައި އެއްވެސް ހައިސިއްޔަތަކުން ކްރިމިނަލް ކޯޓަށް ވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ.

“އަދި އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމުގެ މާކުރިން ފެށިގެން އަޅުގަނޑުގެ ގާތް ރަޙުމަތްތެރިއެކެވެ. އަދި އަލްހާން ފަހުމީއާއި އަޅުގަނޑާ އޮންނަ ގުޅުމަށް ބަލާއިރު އޭނާގެ މަޞްލަޙަތެއް އޮތް އެއްވެސް މައްސަލައެއް އަޅުގަނޑަކަށް ނުވެސް ބެލޭނެ އެވެ. ބަލާފައެއް ވެސް ނުވާނެއެވެ.”، އެ ބަޔާނުގައި ހައިލަމް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، ހައިލަމް ވިދާޅުވީ އެ ފައިސާގެ މުޢާމަލާތާއި ގުޅިގެން ފުލުހުންގެ އިސްވެރިޔަކު އޭނާއާ ބައްދަލުކޮށް އެފަދަ މަޢުލޫމާތެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް މަޢުލޫމާތުދެއްވައި، އެއީ ކިހިނެއް ހިނގައިދިޔަ ކަމެއްތޯ ސުވާލުކުރުމުން، އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ކިޔައިދީފައިވާނެ ކަމަށެވެ. އަދި އޭގައި ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީ އެމައްސަލަ ނުބަލަންވެސް ފުލުހުން އޭރު ނިންމާފައިވާ ކަމަށް ހައިލަމް ވިދާޅުވި އެވެ.