English Edition
Dhivehi Edition
ޑރ. އަފްރާޝީމް އަލީ - ފޮޓޯ: ވީނިއުސް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓު، މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުގެ ރޭ ގެއިން ބޭރުގައި އުޅުއްވުމަށްފަހު އެރޭ ދަންވަރު އޭނާ ދިރިއުޅުއްވާ ގެ (ހ. ފުންވިލު) އަށް ވަޑައިގަތް ވަގުތު، އެގޭ ސިޑި ކައިރިން ބަޔަކު އޭނާއަށް ވަޅިން ހަމަލާދީގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ ނޮވެމްބަރ 17ގައި އުފެއްދެވި މަރު ކޮމިޝަނުން މިއަދު ބުނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ އެ ކޮމިޝަނުން ބަލައި ނިންމި ގޮތުގެ ރިޕޯޓު ރައީސް އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މީގެ ކުރިން ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަޑީގައި ތިބި މީހުންގެ ތަފްސީލްތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ. ޑރ. އަފްރާޝީމްގެ މަރަށް ހަތް އަހަރު ދުވަސް ވެފައިވާއިރު، އެ މައްސަލައިގައި މިހާތަނަށް ކުރި ތަޙުޤީޤުތަކުން އެދެވޭ އެއްވެސް ނަތީޖާއެއް ނެރެވިފައި ނުވާތީ ދެންވެސް އިންސާފު ލިބޭނެ ކަމަށް ޤަބޫލުނުކުރާ ކަމަށް އަފްރާޝީމްގެ އާއިލާއިން ވަނީ ބުނެފަ އެވެ.

ރަހުމްކުޑަ ގޮތަކަށް އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމް އަށް އިންސާފު ހޯއްދަވައި ދެއްވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.