English Edition
Dhivehi Edition

ކ. ގިރިފުށީގައި ތަމްރީނު ހެދުމުގެ ގޮތުން ސިފައިން މިއަދު ބަޑި ޖަހަމުން ދަނިކޮށް، އެ ސަރަހައްދުން ދަތުރުކުރި ސަފާރީއެއްގައި ހުރި ފަތުރުވެރިއެއްގެ ގަޔަށް އެ ރަށުން ޖެހި ވަޒަނެއް އެރުމާއި ގުޅިގެން، ގިރިފުށީގައި ލައިވް ވަޒަން ބޭނުންކޮށްގެން ތަމްރީން ހެދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދު އެ ހާދިސާ ހިނގާފައިވަނީ އެމީހާގެ ގަޔަށް ސީދާ ވަޒަން ޖަހައިގެން ނޫން ކަމަށާއި، އެއީ ވަރަށް މަދުން ނޫނީ ދިމާ ނުވާ އެކްސިޑެންޓެއް ކަމަށެވެ. އުމުރުން 41 އަހަރުގެ ޖަރުމަންވިލާތުގެ އެ ފަތުރުވެރިޔާ އަށް ދަނީ މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމުގައިވެސް ސިފައިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ މުއައްސަސާއިން ކުރިއަށްގެންދާ ހުރިހާ ތަމްރީންތަކެއްގައި ވެސް އާންމުންނާއި ބައިވެރިންގެ ރައްކާތެރިކަމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ބަލާ ކަމެއް ކަމަށެވެ. އަދި ލައިވް ވަޒަން ބޭނުންކުރުމަކީ ތަމްރީން ޕްރޮގްރާމްތަކުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، ކައިރި ސަރަޙައްދުތަކުން ދަތުރުކޮށްފައިދާ އާންމު ރައްޔިތުންނަށް އޭގެ އެއްވެސް އަސަރެއް ނުފޯރާނެ ގޮތަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފަ އެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ މިއަދު ހިނގި ހާދިސާގެ ތަޙުޤީޤެއް ފަށާފައިވާ ކަމަށާއި، ތަޙުޤީޤު ނިމެންދެން ވަގުތީ ގޮތުން ގިރިފުށީގައި ލައިވް ވަޒަން ބޭނުންކުރާ ހުރިހާ ތަމްރީންތަކެއް މެދުކަނޑާލާފައިވާ ކަމަށެވެ.

އަދި މިއަދު ހިނގައިދިޔަ ހާދިސާގެ ސަބަބުން ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭ ކަމަށާއި، މިފަދަ ހާދިސާތައް މުސްތަޤްބަލުގައި ތަކުރާރުވެ ނުދިނުމަށްޓަކައި އިތުރަށް ހަރުކަށި ސަލާމަތީ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން ދޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.