English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ގ. ޑޭޒީފެހި، މާލެ / އަލްއުސްތާޛު ހާތިފް ޙިލްމީ އާއި މއ. ވޭސައިޑް ފްލެޓް 705، މާލެ / އަލްއުސްތާޛު ޙުސައިން މަޒީދު އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން މިގޮތަށް ނިންމާފައި ވަނީ އެ ކޮމިޝަންގެ 79 ވަނަ ބައްދަލުވުމުގަ އެވެ.

ގާޒީ ހާތިފް ޙިލްމީ އާއި ގާޒީ ޙުސައިން މަޒީދަކީ މިވަގުތު ސިވިލް ކޯޓުގެ ގާޒީކަމުގެ މަޤާމުގައި ތިއްބެވި ދެ ބޭފުޅުންނެވެ. މި ދެ ބޭފުޅުންނަކީ ވެސް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެމަޤާމަށް ކުރިމަތިލެއްވި ދެ ބޭފުޅުންނެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް 12 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިމަހުގެ 15 އިން 21 އަށެވެ. އެމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗު 11 އަށް އިތުރު ކުރަން ކޯޓުތަކުގެ ޤާނޫނަށް ކުރިން ގެނެސްފައިވާ އިސްލާހާ އެކު، އެ ކޯޓުގެ ބެންޗުން ދެ މަޤާމެއް ހުސްކޮށް އޮތުމުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،300 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 36،000ރ. އާއި ލިވިންގއެލަވަންސްގެ ގޮތުގައި ދޭ 15،000ރ. ގެ އިތުރުން ރިސްކް އެލަވަންސްގެ ގޮތުގައި ލިބޭ 3،300ރ. އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބިގެންދާނެ އެވެ.