ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އައްޑޫސިޓީގެ ތިންރަށެއްގައި ކެންސަރ ސްކްރީނިންގ ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައިއެވެ.
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޓީމާއި އެކު ދުރުވާ ޑޮކްޓަރުންގެ ޓީމުން މިމަހުގެ 08 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާއި ދެމެދު އައްޑޫސިޓީގެ ފޭދޫ،ހުޅުދޫ އަދި ހިތަދޫގައި ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތަށްވަނީ ހަމަޖެހިފައެވެ.އަދި މީގެ އިތުރަށް ކެންސަރަށް ހޭލުންތެރި ކުރުމުގެ މަސައްކަތްވެސް މިޓީމުން ކުރިއަށް ގެންދާ ގޮތަށްވަނީ ހަމަޖެހިފައެވެ.
ކެންސަރ ސޮސައިޓީގެ މިޓީމުން ތިން ބާވަތެއްގެ ކެންސަރ ސްކްރީން ކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އަނގައިގެ ކެންސަރ،އުރަމަތީގެ ކެންސަރ އަދި ރަހިމުގެދޮރަށް ޖެހޭ ކެންސަރ ހިމެނެއެވެ.
އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމަށް 18 އަހަރުންމަތީގެ ދެޖިންސަށް ފުރުޞަތު އޮތްއިރު،އަނގައިގެ ކެންސަރަށް ސްކްރީން ކުރުމަށް ހުރިހާ ޢުމުރުފުރާއަކަށްވަނީ ހުޅުވާލެވިފައެވެ.އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރުމަށް 30 އަހަރާއި 50 އަހަރާއި ދެމެދުގެ އަންހެނުންނަށް ވަނީ ހުޅުވާލެވިފައެވެ.
އަދި މީގެ އިތުރަށް މިފަދަ އެއްވެސް ކަމަކަށް ޝައްކު ކުރެވޭނަމަ ހުރިހާ ޢުމުރު ފުރަޔަކަށްވެސް މި ޓީމަށް ދެއްކޭނެ ކަމަށް ކެންސަރ ސޮސައިޓީންވަނީ ހާމަކޮށްފައެވެ.
މިޓީމުގެ ދަތުރު ހަމަޖެހިފައިވާގޮތުން އެއްމެފުރަތަމަ ބަލިމީހުން ބެލުމަށް ހަމަޖެހިފައިވަނީ ފޭދޫ ޞިއްހީމަރުކަޒުގައި މިމަހުގެ 08 ވަނަ ދުވަހުއެވެ.ފޭދޫ ޞިއްޙީމަރުކަޒުން މިހާރުވަނީ އެޕޮއިންޓްމަންޓް ހެއްދުމަށް ހުޅުވާލާފައެވެ.
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަކީ ދިވެހިރާއްޖޭގައި ކެންސަރު ބަލިން ރައްކާތެރިވުމަށް ބޭނުންވާނެ މަޢުލޫމާތު ޢާއްމުންނަށްދީ ހޭލުންތެރި ކުރުވުމާއި، ކެންސަރ ބަލިޖެހުމަށް މެދުވެރިވާ ސަބަބުތަކާއި،ކެންސަރާއި ބެހޭގޮތުން ދިރާސާ ކުރުމާއި، ތަފާސްހިސާބު އެއްކުރުމާއި، ކެންސަރ ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤޞަދުގައި އުފައްދާފައިވާ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާ އެކެވެ.