English Edition
Dhivehi Edition

އެއް ދުވަހަށް ފޭދޫ ޞިއްޙީމަރުކަޒުގައި ކުރިއަށް ގެންދެވުނު ކެންސަރަށް ސްކްރީން ކުރުމުގެ ކޭމްޕް މިއަދު ނިމިއްޖެއެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އަދި ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން އައްޑޫސިޓީގައި މިއަދު ފެށުނު ކެންސަރަށް ސްކްރީން ކުރުން މިއަދު ފޭދޫ ޞިއްޙީމަރުކަޒުގައި ވަނީ ކުރިއަށް ގެންދެވިފައެވެ.

ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ކުރިއަށް ގެންދެވުނު މި ސްކްރީނިންގައި ގައި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް 44 މީހުން،އަނގައިގެ ކެންސަރަށް 40 މީހުން އަދި އުރަމަތީގެ ކެންސަރަށް 45 މީހުން ސްކްރީން ކުރެވިފައިވާ ކަމަށް ޞިއްޙީމަރުކަޒުން މަޢުލޫމާތު ދެއްވައެވެ.

09 ޑޮކްޓަރުންގެ މައްޗަށް އެކުލެވޭ ކެންސަރ ސޮސައިޓީގެ މިޓީމުގައި ރާއްޖޭގެ މަޝްހޫރު ޑޮކްޓަރުން ހިމެނެއެވެ. އޭގެތެރޭގައި ޑރ،ޢަބުދުﷲ ޢުބެއިދު ޑރ،ޖުމައިލަތު ބޭގަމް ފަދަ ބޭފުޅުން ހިމެނިވަޑައި ގަންނަވައެވެ.

ޞިއްހީމަރުކަޒުން ހާމަކުރައްވަނީ ގިނަބަޔަކު އެޕޮއިންޓްމަންޓް ހައްދާފަ ހުރިނަމަވެސް ޑޮކްޓަރށް ދައްކަން އައި މީހުން އުއްމީދު ކުރި ވަރަށް ވުރެ މަދުކަމަށެވެ. މިގޮތަށް ދިމާވީ މިއަދަކީ ހުކުރު ދުވަސް ކަމަށް ވުމުން ކަމަށްވެސް ވެދާނެކަމަށް އެފަރާތުން ހާމަ ކުރެއެވެ.

މާދަމާ މިކޭމްޕްގެ ބޭފުޅުން ހުޅުދޫގައި ޙަރަކާތް ތެރިވާ އިރު މިމަހުގެ 10 ވަނަ ދުވަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ސްކްރީން ކުރުމުގެ ކަންތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޑޮކްޓަރަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތައް އެޕޮއިންޓްމަންޓް ހެދުމަށް ހޮސްޕިޓަލުން މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އަކީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.