އެމީހަކު އެދޭ ގޮތަށް ނޫން ގޮތަކަށް އަނެއް މީހާ އުޅުނީމާ އެމީހާ ގައިގައި ޗޭނު ޖަހާފައި ގަން ހިންގަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާކަމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިވާ މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލަ ހޫނުވުމާއި ގުޅިގެން މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެ ޕޯސްޓުގައި ފެންނަނީ 03 ނޮވެމްބަރު 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހަފާއިވަނިކޮށެވެ.
މި ފޮޓޯ އާއި ގުޅިގެން އިވާ ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ވައިބާ ގްރޫޕުގައި ހިއްސާކުރި ފޮޓޯ މައްސަލައަކަށްވީ މަޖިލީހުގެ ރައީސް ނުވަތަ ރާއްޖޭގެ ރައީސް ހުންނެވުމުން ނޫން ކަމަށާއި އޭނާއަށް އެކަން މައްސަލަ އަކަށްވީ ދިވެހި ރައްޔިތުންގެ ކަރުގައި ވާ އަޅުވައި ގަން ހިންގާ މަންޒަރު ދައްކުވައިދިނުމުން ކަމަށެވެ. މީގެ އިތުރުން އީވާ ވިދާޅުވީ އެއްވެސް ރައްޔިތެއްގެ ކަރުގައި ޗޭނު ޖަހައި ގަން ހިންގާ މަންޒަރު ބަލާކަށް ފަސޭހައެއް ނޫން ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފައިވާ ފަނޑިޔާރަކު ރާއްޖޭގެ ކޯޓެއްގައި އެއްވެސް ހާލެއްގައި އެއްވެސް މީހެއްގެ މައްޗަށް ޝަރީއަށް ކުރަން ހުރެގެން ނުވާނެ ކަމަށް އިވާ ވަނީ ވިދާޅުވެފައެވެ.