English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަސައްކަތަށް ހުރަސް އަޅުއްވާފައިވާ ކަމަށް ބުނެ، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ އިތުރު ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީ އިން ފެށުމާއެކު އެމަނިކުފާނު އެކަމާ ދެކޮޅަށް ބަޔާނެއް ނެރުއްވި މައްސަލަވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ޖޭއެސްސީ އިން ވަނީ ނިންމައިފަ އެވެ.

ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް އެ ކޮމިޝަނުން ނިންމާފައި ވަނީ، އެ ކޮމިޝަންގެ ޤާނޫނަށް ގެނެވުނު އިސްލާޙާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރެފައިވާ ޤަވާއިދުތަކަށާއި އުސޫލްތަކަށް ޢަމަލުނުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސްޖީ އަށް އަންގައި، އެބޭފުޅާގެ މަސައްކަތަށް ހުރަސް އަޅުއްވައި، ޑީޖޭއޭއާ އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި، ޑީޖޭއޭއާ ގުޅިގެން ސުޕްރީމް ކޯޓްގެ އެސްޖީ ބަޣާވާތެއްކުރައްވަން އުޅުއްވާކަމަށް ތުހުމަތުކުރައްވައި އެޑިޕާޓްމަންޓާ އެއްވެސް މުޢާމަލާތެއް ކުރައްވައިފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު އުއްތަމަ ފަނޑިޔާރު އެބޭފުޅާއަށް ދެއްވާފައިވާތީ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރު ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީ އިން މިއަދު ނިންމާފައިވާއިރު، އެމަނިކުފާނު ވަނީ ޝަރުޢީ ކޯޓްތަކުގެ ކަންކަމާއި ފަނޑިޔާރުންގެ މަސައްކަތާ ބެހި، ފަނޑިޔާރުގޭގެ މަސައްކަތަށް ހުރަސް އަޅައި، ދަތި ކުރުމުގެ ބީދައިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކުގެ އެތެރޭގެ އިދާރީ ކަންކަމާއި އިދާރީ ނިޒާމުގެ ތެރެއަށް އަތް ބާނައި، ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ބާރު ކަނޑުވައިލައި، ކޯޓުގެތަކުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަން އެ ޑިޕާޓްމަންޓްގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމުގެ ޝަކުވާ ސުޕްރީމް ކޯޓަށް ލިބިފައިވާ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފަ އެވެ.