ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ، އެ ކޮމިޝަނުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ހައިލަމްއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލައެއް ބަލައިގަނެ އެ މައްސަލަ ތަހްގީގު ކުރުމަށް ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީއިން ހައިލަމްގެ މައްޗަށް ބަލަނީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމެއް ކްރިމިނަލް ކޯޓުގެ ރެކްރިއޭޝަން ކްލަބުގެ ވައިބާ ގުރޫޕަށް ފޮނުވި މައްސަލައެކެވެ.
އެ ކުރެހުން މިހާރު ސޯޝަލް މީޑިއާގައިވެސް ދައުރުވަމުން އަންނައިރު ކުރެހުމުގައި ފެންނަނީ، ނޮވެމްބަރު ތިނެއްގެ ހަމަލާގައި އިސްކޮށް އުޅުނު އަބްދުﷲ ލުތުފީ އާއި ސަގަރު އިބްރާހިމް ނާސިރާއި އެ ހަމަލާގެ އެހެން ވެސް އިސް ފަރާތްތަކާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗެންޗޭނު ޖަހައިގެން ، ޝަހީދު ހުސައިން އާދަމް ޗެންޗޭން ދާމާފައި ގެންދާ މަންޒަރެވެ.
ހައިލަމްގެ މި ފަދަ މެސެޖެއް ލީކުވެފައި، އޭނާ ބަލަމުންގެންދާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މަނީ ލޯންޑްރިންގެ މައްސަލައިގެ ހުކުމް އިއްވުން މާދަމާ އަށް ތާވަލްކޮށްފައި ވަނިކޮށެވެ.