ލިޔުނީ: ހިޒްޔަމް ހާމިދު (ސ. އަތޮޅުމަދަރުސާ)
ސ.އަތޮޅު މަދަރުސާގެ 2018ވަނަ އަހަރުގެ އޯލެވެލް ބެސްޓް އޯލް ރައުންޑް ދަރިވަރަކަށް މައިޝާ މުސްތަފާ އަދި އޭލެވެލް ބެސްޓް އޯލް ރައުންޑް ދަރިވަރަކަށް ޒުހާ އަހްމަދު ހޮވައިފިއެވެ.
2 ނޮވެމްބަރު 2019ވީ ހޮނިހިރު ދުވަހު ސ.އަތޮޅު މަދަރުސާގެ ހޯލުގައި ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި މައިޝާއާއި ޒުހާއަށް އިނާމު ހަވާލުކޮށްދީފައިވަނީ ޑެޕިއުޓީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޝަރުމާ ނަސީރެވެއެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރުމާ ނަސީރު ވަނީ ކާމިޔާބުވުމަށްޓަކައި ތަރުބިއްޔަތުގެ މުހިންމުކަމަށް އަލިއަޅުވާފައެވެ.
އޭއޯ ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެމުން މައިޝާ މުސްތަފާ ވަނީ މައިޝާގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. “އަޅުގަނޑު ވަރަށް އުފާވި. މަންމަމެން އަބަދުވެސް ބޭނުންވިގޮތް އެއީ. އެހެންވީމަ މަންމަމެންގެ ހުވަފެން ހަޤީޤަތަކަށް ހަދައިދެވުނީތީ ވަރަށް އުފާވި” މައިޝާ ބުންޏެވެ. މައިޝާ ވަނީ މައިޝާގެ ކާމިޔާބީއަށްޓަކައި މާތްﷲއަށާއި މައިޝާގެ މައިންބަފައިންނަށާއި، އާއިލާގެ މެމްބަރުންނަށާއި ހުރިހައި މުދައްރިސުންނަށް ޝުކުރު އަދާކޮށްފައެވެ.
މި ޚާއްޞަ ހަފުލާގައި ސ.އަތޮޅު މަދަރުސާއިން އެކިއެކި ވަނަތައް ޙާޞިލުކުރި ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ. އެގޮތުން ބެސްޓް ކެޑޭޓް އަދި ބޭންޑްސްމަނާއި، ސަބްޖެކްޓް ޕްރައިޒްތަކާއި ކްލާސް ޕްރޮގްރެސް ޕްރައިޒްތައްވަނީ ދަރިވަރުންނަށް ދީފައެވެ.
މައިޝާއަކީ މިދިޔަ އަހަރު ސ.އަތޮޅު މަދަރުސާގެ ސްކޫލް ކެޕްޓަނެވެ. އަދި ޒުހާއަކީ ސްކޫލްގެ މިދިޔަ އަހަރުގެ އެކްޓިވިޓީސް ކެޕްޓަންއެވެ. މި އަހަރު މައިޝާއަކީ ސްކޫލްގެ އޭލެވެލްގައި ކިޔަވަމުންދާ ސްކޫލްގެ ދިވެހި ކްލަބުގެ ރައީސް އެވެ. އަދި ޒުހާއަކީ މިހާރު ސްކޫލްގެ ރިލީފް ޓީޗަރެކެވެ.
ސ.އަތޮޅު މަދަރުސާއަކީ އަބަދުވެސް ދަރިވަރުންގެ ކުރިއެރުމަށާއި މުސްތަޤްބަލަށްޓަކައި މަސައްކަތްކުރަމުން އަންނަ ސްކޫލެކެވެ.