English Edition
Dhivehi Edition

ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ “ދިވެހި ފިލްމު އެވޯޑްސް”ގެ ލައިފްޓައިމް އެޗީވްމަންޓު އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އެވޯޑަކީ ފިލްމީ ދާއިރާއަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑެއް ކަމަށާއި، އެވޯޑަށް އަމިއްލަ ފަރާތްތަކުންނާއި މަދަނީ ޖަމްޢިއްޔާތަކުންނާއި އަދި ދިވެހި ފިލްމް ފެސްޓިވަލްގެ ސްޓިއަރިންގ ކޮމެޓީ އިންވެސް ނަން ހުށަހެޅޭނެ ކަމަށެވެ.

އަދި ލައިފްޓައިމް އެޗީވްމަންޓު އެވޯޑަށް ހޮވޭ ފަރާތް ކަނޑައަޅާނީ ނަން ހުށަހަޅާފައިވާ ފަރާތްތައް ޝޯޓް ލިސްޓު ކުރުމަށްފަހު އިންޓަރވިއު ކުރުމަށް ފަހުގައި ކަމަށްވެސް އެންސީއޭ އިން ބުނެއެވެ.

މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 5 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

ލައިފްޓައިމް އެޗީވްމަންޓު އެވޯޑަށް ނަން ހުށަހަޅާ ފޯމް އެން.ސީ.އޭ ގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބޭނެ ކަމަށްވެސް އެންސީއޭ އިން ބުނެއެވެ.

މިއަހަރުގެ ދިވެހި ފިލްމް އެވޯޑްސް މިމަހުގެ 15 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، މި މަހުގެ 10 ވަނަ ދުވަހަށް ކެޓަގަރީތަކުން އެވޯޑަށް ނޮމިނޭޓްވާ ފިލްމުތައް އިއުލާން ކުރާނެ އެވެ.

މި އަހަރުގެ އެވޯޑަށް ފިލްމްތައް އިންސާފުކުރުމަށް ހަތް ފަނޑިޔާރުންގެ ޕެނަލެއް ވަނީ އެކުލަވާލައިފަ އެވެ. އެ ޕެނަލްގައި ހިމެނެނީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި އައިމިނަތު ނަޖީބާއި ފާތުމަތު ލީޒާ އަދި އައިމިނަތު އިނާސް އާއި އަހުމަދު އަހުސަންގެ އިތުރުން ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީ އެވެ.

މި އެވޯޑަށް މިއަހަރު 13 ފިލްމު ހުށައަޅާފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 12 ފީޗަރ ފިލްމާއި އެއް ކުރު ފިލްމެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފިލްމު އެވޯޑުގައި ބައިވެރިކުރުމަށް ހަމަޖައްސާފައި ވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ފިލްމު ތަކެވެ. 2017 ވަނަ އަހަރު އަށް ފިލްމެއް ނެރެފައިވާއިރު، މިދިޔަ އަހަރު ފަސް ފިލްމެއް ވަނީ ނެރެފަ އެވެ. އަދި މި ދެ އަހަރުވެސް އެންމެ މަޤްބޫލް ފިލްމުތަކުގެ ތެރޭގައި “ވިޝްކާ” އާއި “މަލިކާ” ،”މިއީ ލޯތްބަކީ” އާއި “ބޮސް” އަދި “ހައްދު” ހިމެނެއެވެ.