ތުހުމަތު ތަކަކާއި ބެހޭގޮތުން ސުވާލުކުރުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފުލުހަށް ހާޒިރުކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ތަހުގީގަށް ސުވާލުކުރުމަށެވެ.
ފިޝަރީޒް މިނިސްޓަރު ޒަހާ ވިދާޅުވީ އޭނާ މިދިޔަ ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުކުރި ކަމަށާއި އޭނާ އަދި ފުލުހުން ބޭނުންވާ މައުލޫމާތު އޭނާ ދީފައިވާކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ މިދުވަސްވަރު އެމްއެމްޕީއާރްސީގެ ތަހުގީގަށް މީހުން ފުލުހަށް ހާޒިރުކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް ފުލުހަށް ހާޒިރުކުރާ މީހުންގެ މައުލޫމާތު ހާމަކުރެވެން ނެތްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ފިޝަރީޒް މިނިސްޓަރު ޒަހާގެ އިތުރުން ދެން ތުހުމަތު ކުރެވޭ މިނިސްޓަރުންނަކީ ސައިންސް އެންޑް ޓެންކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އެ ދެ ބޭފުޅުންވެސް މީގެ ކުރިން ވަނީ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.