English Edition
Dhivehi Edition

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ރާއްޖެ ޓީވީގެ ކުރީގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އައްޔަންކުރައްވައި، އޭނާއަށް މަޤާމުގެ ލިޔުން މިއަދު އަރުވައިފި އެވެ.

އެމަޤާމަށް ފިޔާޒު މިއަދު އައްޔަންކުރެއްވިއިރު، އިންފޮމޭޝަން ކޮމިޝަރަކަށް ފިޔާޒު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެގޮތުން އެ މަޤާމަށް ފިޔާޒު އައްޔަން ކުރައްވަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.

“އާފަތިސް” ނޫހުން ނޫސްވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގަތް ފިޔާޒު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި 19 އަހަރު ޚިދުމަތް ކުރައްވައިފަ އެވެ. އަދި ފަހުން “މިއަދު” ނޫހާއި “ހަވީރު” ނޫހުގައިވެސް މަސައްކަތް ކުރެއްވި ފިޔާޒު އަކީ މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ޑިގްރީއެއްވެސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގައި ހުންނެވީ އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރު އެވެ. އޭނާގެ މަޤާމުގެ މުއްދަތު ހަމަވީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ ދައުރަކީ 5 އަހަރެވެ.

2014 ވަނަ އަހަރު ވުޖޫދުވި މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުންއުފެދުނު މި މަޤާމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަޚްސެކެވެ.