އައްޑޫގައި ސިޓީ ހޮޓަލާއި ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން ތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމް ޒޯންތަކުން ދޫކުރާ ބިންތަކަށް އެދި ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.
މި ފަހަރު ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫން 30 ބިން، ފޭދޫ އިން 24 ބިން، މަރަދޫ އިން 01 ބިން، ހުޅުދޫ އިން 25 ބިން އަދި މީދޫ އިން 16 ބިމެވެ.
ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެއްސެއް ނަމަ 2،000 ރުފިޔާ އަދި ބޭރު މީހެއް ނަމަ 300 އެމެރިކާ ޑޮލަރަށެވެ. ހިތަދޫގެ ބިންތަކަށް ބިޑް ހުށަހަޅަން ޖެހޭ ތާރީހަކީ 22 ޑިސެމްބަރު 2019 އެވެ. އަދި 23 ވަނަ ދުވަހު ފޭދޫ، އާއި މަރަދޫގެ ބިންތަކަށް ބިޑް ހުށަހަޅަން ޖެހޭއިރު ހުޅުދޫ އާއި މީދޫގެ ބިންތަކަށް ބިޑް ހުށަހަޅަން ޖެހޭނީ 24 ޑިސެމްބަރު 2019 ވަނަ ދުވަހު އެވެ.