English Edition
Dhivehi Edition
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން ފޮޓޯ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވުމަށް އެ ބޭންކުން ނިންމައިފިއެވެ. މި ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހައިބްރިޑް މޮޑެލްއަށެވެ. އެގޮތުން ހިއްސާދާރުންނަށް ޖަލްސާ އޮންނަ މާލަމަށް ހާޒިރުވެގެން ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ “ފަހިވޯޓް” ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް ވެސް ޖަލްސާގައި ބައިވެރިވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މި ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ބޭންކުން ބުނެއެވެ. އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. ޕްރީ-ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކަށް “އިންފިނިޓީ” ޕޯޓަލް މެދުވެރިކޮށް އެ ފުރުސަތު އޮންނާނެއެވެ.

މި ޖަލްސާގައި ހިއްސާދާރުންނަށް ބަހާ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 60 ރުފިޔާ ދިނުމަށާއި، ބޯނަސް ހިއްސާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް އިތުރު ދެ ހިއްސާ ދިނުމަށް ބޯޑުން ހުށަހަޅާނެއެވެ. ބޯނަސް ހިއްސާއާއެކު، މިއަހަރު ކޮންމެ ހިއްސާއަކަށް ޖުމްލަ 2091.80 ރުފިޔާގެ ނަފާއެއް ލިބިގެންދާނެ ކަމަށް ބޭންކުން ލަފާކުރެއެވެ. ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ ޖުމްލަ އަދަދު ފާސްކުރާނީ މި އަހަރީ އާންމު ޖަލްސާގައެވެ.