އެޕްރީލް 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް ދިން މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.
އީސީން ބުނީ ސިޔާސީ ޕާޓީތަކުން މުއްދަތު އިތުރުކޮށްދިނުން އެދި އެ ކޮމިޝަނަށް ހުށަހަޅުމާ ގުޅިގެން އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.އެގޮތުން މިހާރު މާޗް 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން މާޗް 15 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 12:00 އަށް އިތުރު މުއްދަތެއް ދިނުމަށް ނިންމާފައިވާކަމަށް އީސީން ވަނީ ބުނެފައެވެ.
ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމާއަތްތަކަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމްއިއްޔާއަކަށް، އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ 10 ޕަސެންޓު އިތުރުނުވާ ގޮތަށެވެ.
ވޯޓުލާ މަރުކަޒުގައި ކޮންމެ ހައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ 1 އޮބްޒާވަރަކަށެވެ.