English Edition
Dhivehi Edition

ވަކިވަކި ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މުޖުތަމަޢުގައި ހިންގަން ބޭނުންވާ ދެމެހެއްޓެނިވި މަޝްރޫޢުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު”ގެ ހަތަރުވަނަ ބުރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ފަންޑުގެ ދަށުން ތަޢުލީމާއި ތިމާވެއްޓާއި ކުޅިވަރުގެ އިތުރުން މުޖުތަމަޢު ތަރައްޤީކުރުމުގެ ދާއިރާތަކުން 20 މަޝްރޫޢަކަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެގޮތުން އަހަރުގެ ހަތަރުވަނަ ކުއާޓާގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ޙަރަކާތްތައް ހިންގުމަށްޓަކައި 50،000 ރުފިޔާގެ މާލީ އެހީއެއް ބީއެމްއެލް އިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަކިވަކި ފަރުދުންގެ އިތުރު އެންޖީއޯ ތަކާއި ސީބީއޯތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، ޓެކްނޮލޮޖީ އަދި ޒުވާނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށްވެސް ވަނީ ހުޅުވާލައިފަ އެވެ.

މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު މަޝްރޫޢުތައް ހޮވާނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބީއެމްއެލް އިން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލަކުން އެ ޕްރޮޕޯސަލްތައް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ފުރިހަމަ ޕްރޮޕޯސަލް ފަނޑިޔާރުންނަށް ހުށަހެޅުމުގެ ފުރުސަތު ދެވޭނެ އެވެ. އަދި އެ މަޝްރޫޢުގެ ފީސިބިލިޓީ އާއި ގުޅޭގޮތުން ފަނޑިޔާރުން ކުރާ ސުވާލުތަކަށް ޖަވާބުދޭންވެސް ޖެހޭނެ އެވެ.

މި ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ. ބީއެމްއެލް އިން ބުނީ ޕްރޮޕޯސަލްތައް ހުށަހަޅަންވާނީ [email protected] އަށް އީމެއިލް ކޮށްގެން ކަމަށާއި، ފޮނުވާ ފައިލްތަކުގެ ސައިޒު 10އެމްބީ އަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށެވެ.