English Edition
Dhivehi Edition

ޤައުމިއްޔަތެއްގެ އެންމެ މުހިންމު ސިފައަކީ، ދާޚިލީ ގޮތުންނާއި ޚާރިޖީ ގޮތުން، އަދި ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް، އަމިއްލަ ހައިސިއްޔަތުން ބަސްބުނެ، އަޑު އުފުލުމުގެ ފުރިހަމަ މިނިވަންކަން ލިބިފައި އޮތުންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ގައުމިއްޔަތާއި ބެހޭ ގޮތުން ވާހަކަދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ މައިގަނޑު ބައިތަކަކީ، މާތްވެގެންވާ އިސްލާމް ދީނާއި މާދަރީ ބަހާއި ދިވެހި މުއްސަނދި ސަގާފަތާއި ތަރިކަ ކަމަށެވެ. ދުނިޔެއަށް ފެތުރުނު ސިޔާސީ އަޅުވެތިކަމާއި އިސްތިޢުމާރީ އޮއިވަރުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަންވެސް އެތައް ފަހަރަކު ގެއްލިގެން ދިޔަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޤައުމެއްގެ މިނިވަންކަން ގެއްލެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، އެބައެއްގެ ޤައުމިއްޔަތަށް އަރާ ލޮޅުންތައްކަމަށެވެ.

ޤައުމީ ދުވަހާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޤައުމީ ޚިދުމަތްތެރިންގެ އަގު ވަޒަންކުރާއިރު، ދިވެހިންގެ ތެރެއިން އުވެމުން، ނެތެމުންދާ މަސައްކަތްތަކާއި ފަންނުތައް ދިރުވައި އާލާކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަންޖެހޭކަމަށެވެ. އަދި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެފަދަ މަސައްކަތްތައް ދިރުވައި އާލާކުރުމަކީ، ރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ދެމެހެއްޓުމަކީ ކުރަންޖެހިފައިވާ ވަރަށް ބޭނުންތެރި ކަމެއްކަމުގައި ރައީސް ވަނީ ފާހަނަގަކުރައްވާފައެވެ.