English Edition
Dhivehi Edition

ރީތި މޮޑެލް އަދި މަޝްހޫރު މޮޓޯބައިކާ، އެލީނާ އޭނަގެ ބީއެމްޑަބްލިޔު ސައިކަލް ދުއްވާފައި ދަނިކޮށް ކާރެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާއަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ބޭރުގެ ބައެއްމީޑިއާ ތަކުން ރިޕޯޓްކޮށްފައި ވާގޮތުގައި އުމުން 41އަހަރުގެ އެލީނާ މަރުވެފައިވަނީ އޮކްޓޯބަރ 24ވަނަ ދުވަހު ޔޫކްރެއިންގެ ކެޕިޓަލް ސިޓީކަމަށްވާ ކިއެވްގައެވެ.

އެލީނާ އެކްސިޑެންޓްވީ އޭނަ ސައިކަލް ދުއްވާފައި ދަނިކޮށް ކުރިމަތިން އައި ކާރެއްގައި ޖެހިފައިކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާދިސާ ހިނގުމާއެކު އެމްބިއުލާންސަށް ގުޅައި ފުލުހުންނަށް ރިޕޯޓް ކުރީ އެލީނާގެ ގާތްރަހުމަތްތެރިން ނެވެ. އެކްސިޑެންޓް ވިސަރައްދުގައި ހުރި އެލީނާގެ ރަހުމަތް ތެރިޔަކާހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އޭނަ ހޮސްޕިޓަލަށް ގެންދިޔައިރު މަރުނުވާ ކަމަށާއި، މަރުވީ ފަރުވާ ދެމުން ގެންދަނިކޮށް ހޮސްޕިޓަލްގައި ކަމަށެވެ. މިހާދިސާގައި އޭނައަށް ލިބުނު އަނިޔާގެ ތަފްސީލް ހާމަކޮށްފައި ނުވެއެވެ.

މިއެކްސިޑެންޓްގައި އެލީނާގެ ސައިކަލްގައި ޖެހުނު ކާރު ދުއްވަން އިން މީހާ އަށް ލިބުނު އަނިޔާތަކަސް ހޮސްޕިޓަލްގައި ދަނީ ފަރުވަދެމުންނެވެ. ފުލުހުން ބުނީ މިހާދިސާ ހިނގައިދިޔަގޮތް އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.

އެލީނާ މަޝްހޫރުވެފައިވަނީ އޭނަގެ ރީތިކަމަށާއި އޭނަ ދުއްވާ ރީތިސައިކަލުން ދައްކާލާ ސްޓަންޓުންނެވެ. އެލީނާ ގެ އިންސްޓަގްރާމްގައި 80000 ފޮލޯވާސްތިބެއެވެ. އޭނަގެ އިންސްޓަގްރާމްގައި ސައިކަލް ދުއްވަމުން ނަގާފައިވާ ބައެއްފޮޓޯ ތަކުގެ އިތުރުން ރޭސްޖަހާ ވީޑިއޯތައް ހިއްސާކޮށްފައި ވެއެވެ.

ސައިކަލް ދުއްވުމަށް ލޯބިކުރާ އަދި ސައިކަލް ރޭސްޖެހުމަށް ލޯބިކުރާ ދުނިޔޭގެ ގިނަ ކަންކޮޅުތަކުގެ މީހުންގެ ފޭނަކަށް އެލީނާ ވެފަިއވާއިރު ސޯޝަލް މީޑިއާގައިވެސް އެލީނާގެ ވީޑިއޯތަކާއި ފޮޓޯތައް މީހުން ޝެއާކުރަމުން ދެއެވެ.