English Edition
Dhivehi Edition

މީގެ ދެ އަހަރު ކުރިން ފުވައްމުލަކުން ގެއްލުނު މުހައްމަދު ޝަފީއު، މަރާލައި ވަޅުލާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާގެ ކުރީގެ އަނބިމީހާ އައިޝަތު ނަޝީދާ ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

ޖުލައި 14، 2017 ވަނަ ދުވަހުގެ ރޭ ގެއިން ނުކުތް ފަހުން މިއަދާ ހަމައަށްވެސް ޝާފިއުގެ އެއްވެސް ހަބަރެއް ވެފައިނުވާއިރު މަރު ކޮމިޝަނުން މި މައްސަލައިގެ އިތުރު ތަހުގީގަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ފުވައްމުލަކަށް އެ ކޮމިޝަންގެ ޓީމެއް ވަނީ ގޮސްފައެވެ. އެ ދަތުރުގައި،ނަޝީދާގެ އިތުރުން އެ ހާދިސާއާ ގުޅިގެން އެކި މީހުންނާ ސުވާލު ކޮށްފައިވާއިރު މަރު ކޮމިޝަނުންވަނީ ނަޝީދާ އިއްޔެ ކޮމިޝަނަށް ހާޒިރުކޮށްފައެވެ.

އެމައްސަލައިގައި ބަޔާނެއް ދިނުމަށް މާލެ އައުމަށް ރިޔާސީ ކޮމިޝަނުން ނަޝީދާ އަށް އެންގުމުން އިއްޔެ މާލެ ދިއުމުން ވަކީލަކާ ނުލައި، ހަ ގަޑި އިރު ކޮމިޝަންގައި ބައިންދައިގެން ނަޝީދާއާއި ސުވާލުކޮށްފައިވާއިރު ނަޝީދާގެ އާއިލާއިން ވަނީ ކޮމިޝަނުން ނަޝީދާ ރަހީނުކުރިކަމުގެ ތުހުމަތުކޮށްފައެވެ. މިއަދުވެސް ތަހުޤީގަށް ކޮމިޝަނަށް ހާޒިރުވުމަށް ނަޝީދާ އަށް އަންގާފައިވާއިރު ނަޝީދާ ބުނީ އިއްޔެގެ ތަހުގީގުގައި ކޮމިޝަނުން ސުވާލުތައް ކޮށްފައިވަނީ ޝަފީއު ވަޅުލާފައި އޮތްތަނަކާއި ގުޅޭ ގޮތުން ކަމަށެވެ. ރިޔާސީ ކޮމިޝަނުން ކުރާ ތުހުމަތުތައް ނަޝީދާ ވަނީ ދޮގު ކޮށްފައެވެ.

އަންގާގާ ރިސޯޓުގައި ރޫމް އެޓެންޑެންޓެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ޝަފީއު ގެއްލިފައިވަނީ ޗުއްޓީއަށް ރަށަށް ދިޔަ ދުވަހުގެރޭ އޭނާގެ މަންމަ ގެ ގެއަށް ގޮސްފައި އަންނާނެ ކަމަށް ބުނެ ނިކުތް ގޮތަށެވެ.