ސަބްސިޑީ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން މިފްކޯއިން ދީފިއެެވެ.
އާ އުސޫލުގެ ދަށުން، މިފްކޯއަށް މަސްކިރުވާ އުޅަނދުތަކަށް ޑީސަލް ލީޓަރެއް 16.54 ރުފިޔާގެ ރޭޓުގައި ލިބޭނެއެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް މަސްކިރުވާ ދޯނިތަކަށް ލީޓަރެއް 16.04 ރުފިޔާއަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އާންމު ފަރާތްތަކަށް މިފްކޯއިން ޑީސަލް ވިއްކާނީ ލީޓަރެއް 17.54 ރުފިޔާއަށެވެ. މިއީ އިއްޔެ އެކުންފުނިން އަގު ބޮޑުކުރަން ނިންމި ރޭޓަށްވުރެ ބޮޑުތަނުން ހެޔޮ އަގުތަކެކެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފްކޯއިން އިއްޔެ އެންމެ ފުރަތަމަ ނިންމީ ޑީސަލް ލީޓަރެއް 27.24 ރުފިޔާއަށް ބޮޑުކުރުމަށެވެ. ނަމަވެސް ސަރުކާރުގެ ސަބްސިޑީއާއެކު މިހާރު ވަނީ މަސްވެރިންނަށް މާލީ ބޮޑު ލުޔެއް ކަށަވަރުކޮށްދީފައެވެ.