ސްކޫލް ދައުރުގެ ހަނދާން ތަކަކީ، އުމުރުން ދުވަސްވެ ގައިބާރު ދޫވާ ހިސާބަށް ދާއިރުވެސް ފޮހެލަން ދަތި ހަނދާންތަކެވެ. ތުއްތު އިރުންފެށިގެން އެއް ފުރާޅެއްގެ ދަށުގައި އެތައް ކުދިންނެއް ކިޔަވަމުން އަންނަ އިރު އަބަދު އެއްބަޔަކާ އެކު ވަގުތު ހޭދަވެ ސްކޫލްދައުރު ނިމިގެން ދާއިރު ސްކޫލްގެ ހަޔާތުގައި ވަރަށް ގިނަ ކަންތައްތައް ކުރިމަތި ވެފައިވާނެއެވެ.
ސްކޫލް ދައުރަކީ ލޯބި ހުށަހަޅައި ދިރިއުޅުމެއް ފަށަން ވިސްނާ އުމުރެއް ނޫނެވެ. އެހެން ނަމަވެސް އާންމުގޮތެއްގައި ދަރިވަރުން ފުރާވަރަށް އެރުމުން ސްކޫލް ތެރޭގައި ލޯބި ހުށަހަޅާ ލޯބީގެ ގުޅުން ބަދަހި ކުރެއެވެ. އެއްބަޔަކު ސްކޫލުން ލޯބިވެރިޔަކު ހޯދާއިރު އަނެއްބައި ކުދިން ތިބެންޖެހެނީ ލޯބިވާ މީހާ ނޫނީ ހިތްއެދޭ މީހާ އާއި ވާހަކަ ދައްކަން ނުކެރި ނުވަތަ ހިތުގެ އުދާސްތައް ބަންޑުން ކުރަން ނުކެރިފައެވެ.
ނަމަވެސް ސްކޫލްގެ އެސެމްބްލީ އޮންނަ ކޮންމެދުވަހަކު ކްރަޝް ކައިރިން ފެންނާތީ އެވަގުތައް އިންތިޒާރު ކުރި ދަރިވަރުން ވެސް މަދެއް ނުވާނެއެވެ. އެއް ކްލާހެއްގެ ދެކުދިން ކަމައް ނުވަންޏާ ދެން ހިތްއެދޭ ކުއްޖާ ފެންނާނެ ހަމައެކަނި ގޮތަކީ ސްކޫލަށް އަންނަ ގަޑީގަ ޔާއި އެސެމްބްލީ ގަޑީގައި އަދި ސްކޫލް ސެޝަން ނިމޭގަޑީގައެވެ. ކްރަޝް އަށް ސިއްރުން ކާކުކަން ނޭނގޭ ގޮތަށް ނޯޓް ފޮނުވާފައިވާ ކުދިންވެސް މަދެއްނުވާނެއެވެ. މައްސަލައަކީ ލޯބި ހުށަހަޅަން ނުކެރުމެވެ. ބައެއްހާލަތް ތަކުގައި ލޯބިވާ ވާހަކަ ނޫނީ ލައިކްވާ ވާހަކަ ބުނަން ނުކެރިގެން ހުއްޓާ ތެޔޮނާށި ކާޅު ޖަހައިގަންނަ ފަހަރުވެސްވާނީ އައިސްފަ އެވެ.
ސްކޫލް ދައުރުގައި ފެށޭ ލޯތްބަކީ އާންމުކޮށް ދެމިއޮންނަ ލޯތްބަކަށް ނުވިޔަސް މިހާރު ވެސް އެހާރުވެސް ޅައުމުރުގައި ހުށަހަޅައި އެލޯބީގެ މަތީގައި ދެމިތިބެ ކައިވެންޏާ ހަމައަށް ގޮސް ދިރިއުޅުމެއް ބިނާކޮށް އުޅެމުން އަންނަ ދިވެހިންވެސް މަދެއްނޫނެވެ.ރާއްޖޭގެ ބައެއްރަށްރަށުގައި މިހާރުވެސް ސްކޫލްދައުރުގައި ފެށި ލޯތްބާއެކު ހަޔާތެއްފަށައި އެކީގައި ދިރިއުޅެމުން އަންނަ މީހުންގިނައެވެ.
ސްކޫލްދައުރުގެ ލޯބި ނުވަތަ ކްރަޝް ނުލިބުނަސް އޭނަ ކޮބައިތޯ ބަލާ ޒުވާނުންވެސް މަދެއްނުވާނެއެވެ. މި އަދަކީ ސޯޝަލް މީޑިއާގެ ޒަމާނެވެ. ތިބާގެ ކުރީގެ ލޯބިވެރިޔާ ނުވަތަ ކްރަޝް ކޮބައިތޯބަލާ ހޯދުމަށް އަދިވެސް ފަސޭހައެވެ.