English Edition
Dhivehi Edition

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފުރަތަމަ އިސްކުރައްވަންވީ ދީން ރައްކާތެރިކުރުމަށް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޖަމީލް ވިދާޅުވެފައި ވަނީ ޤައުމީ ސަލާމަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ އިސްލާމްދީނަށް ފުރައްސާރަކުރުން ކަމަށާއި، ރައީސް ޞޯލިހް އިސްކުރައްވަންވީ ދީން ރައްކާތެރިކުރުން ކަމަށެވެ.

“އިލްމުވެރިންނާއި ކައުންސިލްތަކަށް ފިޔަވަޅު އެޅުމެއް ނޫން. ދީނާއި ޤައުމީ ސަލާމަތާ ވަކި ނުކުރެވޭނެ”، އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައި ވެއެވެ.

ލަފާކުރެވޭ ގޮތުގައި ޑރ. ޖަމީލްގެ ޓްވީޓު އަމާޒުކުރައްވާފައި ވަނީ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް މަލާމާތްކޮށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން އަދި މިހާތަނަށްވެސް އެ ޖަމިއްޔާއާމެދު ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާ މައްސަލައަށެވެ.

އެ ރިޕޯޓު ނެރުނު މައްސަލައިގައި މިހާރު އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާއިރު، އެމްޑީއެން އުވާލުމަށް ގިނަ ބަޔަކު ދަނީ ސަރުކާރަށް ގޮވައިލަމުންނެވެ.

އެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމާއެކު އެމްޑީއެން އިން ވަނީ އެ ރިޕޯޓު ގެނެސްދީފައިވަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށް ބުނެ، ރިޕޯޓު އަނބުރާ ގެންގޮސްފަ އެވެ. އެހެންނަމަވެސް ގިނަ މީހުން ބުނާ ގޮތުގައި ދީނަށާއި މާތް ނަބިއްޔާއަށް ފުރައްސާރަކުރުމަށްފަހު، މަޢާފަށް އެދުމަކުން ކަންތައްތައް ނިންމާ ނުލެވޭނެ ކަމަށެވެ.