ސަރުކާރުގެ ނުފޫޒެއް ނެތް ނަމަ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ކަށަވަރުވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ޖަމީލް ވިދާޅުވީ ސަރުކާރުގެ ނުފޫޒެއް ނެތް ނަމަ މިހާރު ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ އޮންނާނީ ނިމިފައި ކަމަށާ އެއާއެކު، އެމަނިކުފާނުގެ ކެންޑިޑެސީ ކަށަވަރުވީސް ކަމަށެވެ. ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ނުނިމިގެން އުޅެނީ ރާއްޖޭގެ ޝަރުއީ ދާއިރާ އަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާތީކަމަށް ތުހުމަތުކޮށް ޖަމީލް ވިދާޅުވީ ޖަލުގައި އޮންނަވައިގެން ވެސް ރައީސް ޔާމީން މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ރައްޔިތުންގެ ހައްގުގައިކަމަށެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީއަކީ ޕީޕީއެމްގެ އެންމެހާ މެމްބަރުންގެ އިތުރުން ވަރަށް ގިނަ ރައްޔިތުންގެ ހައްގާ ގުޅިފައިވާކަމެއްކަން ފާހަގަކުރައްވާ ޖަމީލް ވަނީ ވީ އެންމެ އަވަހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވައި، ރިޔާސީ ކެމްޕެއިން ކުރެއްވުމުގެ ފުރުސަތު ދިނުމަށް ގޮވާލައްވައިފައެވެ.
ވ. އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނައިރު މިއަދު އީސީ އަށް ވަނީ އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު ހުށަހަޅާފައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ފޯމާ ގުޅޭ ގޮތުން ނިންމާ ގޮތެއް އެންގުމަށް ވަނީ ހަމަޖެހިފައެވެ.