English Edition
Dhivehi Edition

ޖަޕާނުގެ ސިޓީއެއް ކަމަށްވާ ހިރޯޝިމާގެ ޕީސް މެމޯރިއަލް މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ޒިޔާރަތް ކުރައްވައިފި އެވެ.

މިހާރު ޖަޕާނަށް ވަޑައިގެން އުޅުއްވާ ރަސްމީ މި ދަތުރުފުޅުގައި ރައީސް ގެ ދެކަނބަލުން މިއަދު ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމަށް ވަޑައިގެން އެޓޮމިކް ބޮމުގެ ހަމަލާގައި މަރުވެދިޔަ މީހުންގެ ހަނދާނުގައި ބިނާކޮށްފައިވާ މަޤްބަރާއަށް ޒިޔާރަތްކުރައްވައި އެ ތަނުގައި މާބޮނޑިއެއް ބާއްވަވައި ޕީސް މެމޯރިއަލް މިއުޒިއަމް ބައްލަވާލައްވައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރަށްވާފައިވެއެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއަކީ ޞުލްޙައަށް ތާޢީދުކޮށް އަޑުއުފުލަމުންދާ ޤައުމެކެވެ. ދިވެހިރާއްޖެ އާއި ޖަޕާނަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮތް ދެ ޤައުމެވެ. ޖަޕާނުން ވަނީ ރާއްޖެ މިދެކޭ ތަރައްގީގެ އިސް ރޯލެއް އަދާކޮށްފަ އެވެ. އެގޮތުން މަސްވެރިކަން، އެއީ ފާހަގަ ކޮށްލެވޭ ދާއިރާ އެކެވެ.

ރާއްޖެ އަކީ ނިއުކްލިއަރ ހަތިޔާރާއި އަދި އެހެނިހެން ފަނާކުރަނިވި އަދި ނުރައްކާތެރި ހަތިޔާރު އުފެއްދުމާއި، ބޭނުންކުރުމާއި ދެކޮޅަށް ޖަޕާން ފަދަ ޤައުމުތަކުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދޭ ޤައުމެކެވެ. ދިވެހިރާއްޖެއަކީ “ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލަސްޓަރ މިއުނިޝަންސް” އަދި “ޓްރީޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިއަރ ވެޕަންސް” މުޢާހަދާގައި ސޮއިކޮށްފައިވާ ޤައުމެކެވެ .