ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުހައްމަދު އަބްދުﷲއާ ގުޅޭގޮތުން ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅިފައިވާ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީ އިން ބުނީ އެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް އެ ކޮމިޝަނުން ނިންމީ ފަނޑިޔާރު އާދަމް މުހައްމަދުގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ.
އަދި އެ އަޑުއެހުމަށް ވަނުމުގެ ފުރުސަތު ޖާގަ އޮތް މިންވަރަކުން، އާންމުންނަށާއި މީޑިއާތަކަށް ދޭނެކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ. އަޑުއެހުމަށް ވަންނަން ބޭނުންވާ ފަރާތްތަކުން އައިޑީކާޑު ގެންދިއުމަށްވެސް އެ ކޮމިޝަނުން ވަނީ އަންގާފައެވެ. އަދި ގަޑިޖެހުމުގެ 15 މިނެޓު ކުރިން، ބޭނުންވާ ފަރާތްތަކުން އަޑުއެހުމަށް ހާޒިރުވުމަށްވެސް ޖޭއެސްސީ އިން ވަނީ އެދިފައެވެ.
ޖޭއެސްސީ އިން ދަނީ ފަނޑިޔާރު އާދަމް މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ކޮށްފައިވާ ކަމަށް ބުނާ މައްސަލަތަކެއް ބަލަމުންނެވެ. ނަމަވެސް އެކަމާއި ގުޅޭ އެއްވެސް ތަފްސީލެއް ޖޭއެސްސީ އަދި ހާމައެއް ނުކުރެއެވެ.
މީގެ އިތުރުން، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ އަބްދުﷲ އަރީފާއި އާދަމް މުހައްމަދާއި ގުޅޭގޮތުން ޖޭއެސްސީ އަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން، އެ މައްސަލަ ބެލުމަށްފަހު ފިޔަވަޅެއްގެ ގޮތުން ތިން ފަނޑިޔާރުންނަށްވެސް ނަސޭހަތްތެރިވާންވެސް ޖޭއެސްސީ އިން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ ފިޔަވަޅު އަޅާފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ޖޭއެސްސީ އިން ހާމަކޮށްފައެއް ނުވެއެވެ.