English Edition
Dhivehi Edition

ނުކުޅެދުންތެރިކަން ހުރުން އެއީ ކަންކަން ނުކުރެވޭނެކަމަށް ޤަބޫލުކުރަންވީ ސަބަބެއް ނޫންކަމަށާއި މިފަދަ ކުދިން ބައިނަލްއަޤްވާމީ މުބާރާތް ތަކުގައި ރަންވަނަ ހޯދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މައި މުއާސަލާތީ ޚިދުމަތް ދޭ ކުންފުނި ދިރާގުން ބޭއްވި “ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2019” ގައި ބައިވެރިވެ ވަޑައިގެން އެ އިވެންޓް ޝަރަފުވެރި ކޮށްދެވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ މި ސަރުކާރުން އެއްވެސް ކުއްޖަކު ބާކީ ކޮށްނުލާނޭ ކަމަށާއި މި ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކީވެސް ޤާބިލް ކުއްޖަކަށް ހެދުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މުޖްތަމަޢުގައި ނުކުޅެދުންތެރިކަން ހުރި ވަރަށް ޓެލެންޓެޑް ކުދިން އެބަ ތިބި ކަމަށާއި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށްވެސް ވަޒީފާގެ ފުރުސަތުތައް ހޯދައިދޭން ޖެހޭ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ދިރާގުން އިސްނަގައިގެން ބާއްވާ މި ޙަރަކާތަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވެދޭ ޖަމިއްޔާތަކާއި ސްކޫލްތަކުން ގުޅިގެން ބާއްވާ ހަރަކާތެކެވެ. މި އަހަރުގެ ހަރަކާތުގައި 400 އަށްވުރެ ގިނަ ކުދީން ބައިވެރިވެއެވެ.