English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި,ޕްރޮސެކުޓާ ޖެނަރަލް އައިޝަތު ބިޝާމް ސިއްރުން ހާމަކުރެއްވި,އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ނަންތައް ލީކްވި މައްސަލަ ބެލުމަށް އެކޮމިޓީން ނިންމައިފިއެވެ.

މި ދިޔަ ހޯމަ ދުވަހު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ބިޝާމް ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް ވަޒީރުން ގެ ނަންތައް ހާމަކުރައްވާފައެވެ. ކޮމިޓީގެ ބައެއް ސިއްރުކޮށްގެން ބިޝާމް އެ ނަންތައް ހާމަ ކުރައްވާފައިވީ ނަމަވެސް ފަހުން އެ ބައްދަލުވުމުގެ މައުލޫމާތު ވަނީ މީޑިއާއަށް ތިލަވެފައެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް މީޑިއާއަށް ތިލަވުމާއި ގުޅިގެން ރައްޔަތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބު ވަނީ ކޮމިޓީގެ ސިއްރު މައުލޫމާތު އާންމުވި މައްސަަލަ ބެލުމަށް ހުށަހަޅާފައެވެ. މި މައްސަލައާއި ގުޅިގެން އިލްޔާސް ވިދާޅުވީ ސިއްރު ކޮމިޓީގައި ދައްކާ ވަހާކަތައް ލީކްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އިލްޔާސް ހުށަހެޅުއްވިމައްސަލައަށް ޖަވާބުދެއްވަމުން ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާ މެމްބަރު އަހުމަދު ނާޝިޒް ވިދާޅުވީ ކޮމިޓީގެ ސިއްރު ހިފެހެއްޓުން އޮންނަނީ ކޮމިޓީގެ މެންބަރުންގެ އަތްމަތީގައި ކަމަށެވެ. އަދި އެ މައްސަލަ ކަމާ ބެހޭ ކޮމިޓީތަކަށް ފޮނުވާ އެ މައްސަލަ ބަލާނެ ކަމަށް ނާޝިޒް ވިދާޅުވިއެވެ.

ސިއްރު ކޮމިޓީތަކުގައި ދެކެވޭ ވާހަކަތައް ލީކުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ފާހަގަކުރައްވާ ހިތަދޫ އުތުރު ދާއިރާ މެމްބަރު އަހްމަދު އަސްލަމް ވިދާޅުވީ، އެކަން އެގޮތަށް ތަކުރާރުވާނަމަ ކޮމިޓީތަކާ މައުލޫމަތު ހިއްސާ ކުރުމަށް މުއައްސަސާތަކުން ފަސް ޖެހި އެ މައްސަލަތައް ބެލުމަށް ގޮންޖެހުންތަކެއް ކުރިމަތި ވާނެ ކަމަށެވެ.