English Edition
Dhivehi Edition

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕަށް،ހުށަހަޅާފައި ނެތްކަމަށް ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިގޮތަށް ވިދާޅުވެފައިވަނީ ބިޝާމްގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅާފައިވާކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވެފައިވަނިކޮށެވެ.

މެމްބަރު ސިރާޖު ވިދާޅުވެފައިވަނީ ބިޝާމަށް އިތުބާރު ނުކުރެވޭތީ އޭނާ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ޕާޓީގެ ޕާލިމަންޓަރީ ގްރޫޕަށް މީގެ ތިން ހަފުތާ ކުރިން ހުށަހަޅާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ، އެމްޑީޕީގެ ޕީޖީ ބައްދަލުވުމެއްގައި އެކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި ނަމަވެސް ރަސްމީ ސިފައެއްގައި އެފަދަ ލިޔުމެއް ހުށައަޅާފައި ނުވާކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލެއް އޮންނަކަމަށާއި، އެފަދަ އެއްވެސް ގުނަވަނެއްގައި ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނެތްކަމަށް އާޒިމް ވިދާޅުވި އެވެ.

އެއްވެސް މީހަކު މަގާމުން ވަކިކުރަން ނުވަތަ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށައަޅަން ޕާޓީގެ ޕާލިމެންޓްރީގެ ގްރޫޕުގެ މެމްބަރަކު ބޭނުންވެއްްޖެ ނަމަ ލިޔުމުން ޕާޓީ އަށް ހުށައެޅޭނެ އެވެ. އެއަށް ފަހު އެކަމާއި މެދު ގޮތެއް ނިންމުމަށް ޕީޖީ ގުރޫޕްގެ ބައްދަލުވުމެއް ބާއްވާ އެކަމާއި މެދު މަޝްވަރާ ކުރެވޭނެ އެވެ.

ބިޝާމް ވަކިކުރުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕަށް ހުށަހަޅާފައިވާ ކަމަށް މެމްބަރު ސިރާޖު ވިދާޅުވެފައިވާއިރު ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މޭޑޭގެ ގައިދީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ޕީޖީން ކަންތައް ކުރިގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.