English Edition
Dhivehi Edition

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި، ބޮޑު މަޝްރޫޢެއްް ބީލަމަށް ނުލައި 37.5 މިލިއަން ޑޮލަރަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެގޮތުން އައްޑޫގައި 20 މެގަވޮޓްގެ ކަރެންޓު އުފެއްދޭނެ ނިޒާމެއް ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީޯ ޗައިނާގެ ޑޮންފަންގ އިލެކްޓްރިކް އިންޓަނޭޝަލް ކުންފުންޏާ އެވެ. އެ ކުންފުންޏާއި މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ މިއަދު މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤު (ސޯބެ) އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލިޔާސް ލަބީބު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކައިގެ އެމްޑީ އަހްމަދު ސައީދު ވިދާޅުވީ މި މަޝްރޫޢު ނިމިގެންދާއިރު ފައިބާ އޮޕްޓިކް ކޭބަލުން މުޅި އައްޑޫ ގުޅާލެވޭނެ ކަމަށާއި، 20 މެގަވޮޓްގެ ކަރަންޓު އުފެއްދުމަށް އެއްބަސްވެފައި ވީނަމަވެސް، މުޅި މަޝްރޫއު ނިމޭއިރު 36 މެގަ ވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށެވެ.

އަދި މި މަޝްރޫޢު ފުރިހަމަ ކުރެވުމުން ދެކުނުގައި ދިމވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށާއި، މިސަރުކާރުން ދެކުނުގައި ހިންގުމަށް ރާވާފައިވާ އިޤްތިޞާދީ މަސައްކަތްތައް ފެށުމަށް އިތުރު ހަލުވި ކަމެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެއެވެ.

އެ ރަސްމިއްޔާތުގައި އައްޑޫގެ މޭޔަރ ސޯބެ ވިދާޅުވީ އިޤްތިޞާދީ ހަރަކާތެއް ފަށަން ބަލާއިރުވެސް އަދި އާންމު ދިރިއުޅުމަށް ވެސް އޮތް އެންމެ ބޮޑު ދައްޗަކީ ކަރަންޓު ކަމަށާއި، މިއަދަކީ އައްޑޫގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

“މި ޕަވާހައުސް އުފެދިގެން އަންނައިރު މުޅި އައްޑޫ އަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްްދޭނެ. ކުރިއަށް އޮތް 15 އަހަރަށް ވެސް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދޭނެ،” ސޯބެ ވިދާޅުވި އެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖައްސާނީ ޑޮންފަންގ ކުންފުނިން ކަމުގައިވާއިރު، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

1 ކޮމެންޓް
އިބްރާހީމް
އޮކްޓޯބަރު 23, 2019
ފުރަގަހުން ފެންނަ މަޖްލިސް މެމްބަރ އިން އިޝްތިހާރު ކުރަނީ ކޮން އެއްޗެއްބާ؟؟؟؟؟؟؟؟؟