ގުޅީފަޅު ގެ ބޮޑު ސަރަހައްދެއް ހިއްކަން ބިޑަކާ ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ނެދަލެންޑްސްގެ ބޮސްކާލިސް ވެސްޓްމިންްޓާ ކޮންޓްރެކްޓިން ކުންފުންޏާ ހަވާލުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅައިފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، އެމައްސަލަ ބަލައިދިނުމަށް ހުށަހަޅުއްވާފައި ވަނީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޤަފޫރު މޫސާ އެވެ. އަދި އެމައްސަލަ ކޮމިޓީއަށް ބަލައިގެންފައި ވަނީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުންނެވެ.
ގުޅީފަޅުގެ ބޮޑު ބައެއް ހިއްކަން ބޮކްސާލިސް ކުންފުންޏާއި ހަވާލުކޮށްފައިވަނީ ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށެވެ.
މިކަމާ ގުޅޭ އެއްބަސް ވުމުގައި މިދިޔަ ބުރާސްފަތި ދުވަހު ނޭޝަނަލް ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިންގެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޭރިއާ މެނޭޖަރު ޑޭވިޑް ބޫސްޓެޑެވެ. ގުޅިފަޅުގެ ހަ މިލިއަން ކިއުބިކް މީޓަރުގެ ބިންހިއްކައި ހަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ލުމުގެ ކަންކަން މި އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ. ސަރުކާރުން މި މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 180 ދުވަހެވެ.
އެމް.ޓީ.ސީ.ސީ އާއި ބިންހިކުމުގެ މި މަޝްރޫއު ހަވާލު ނުކުރެއްވުމުން ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު މުއިއްޒު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެމް.ޓީ.ސީ.ސީ ގެ މަހާޖައްރާފު ބޭނުންކޮށް އެންމެެ ގިނަވެގެން 37 މިލިއަނަށް ޑޮލަރަށް ބިން ހިތްކޭނެ ކަމަށާއި 7 މިލިއަން ޑޮލަރަށް ތޮށި ލުމުގެ ކަންކަން ނިންމެނެ ކަމުގައެވެ. އަދި މިކަމަށް ޚަރަދުވާ ފައިސާ ލިބިގެންދާނީ ދިވެހިން ޙިއްސާވާ ދިވެހި ކުންފުންޏަކަށް ކަމަށެވެ.
ބިޑަކާއި ނުލައި އެހާ ބޮޑު އަގަކަށް ގުޅީފަޅު ބިން ހިއްކަން ބޭރު ކުންފުންޏަކާއި ހަވާލުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.
ގުޅިފަޅުގައި ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރެއް އެޅުމަށް 1.6 މިލިއަން ޑޮލަރަށް ކޮންސެލްޓެންސީ ދޭން ޑެންމާކާއި ހޮލޭންޑުގެ ދެ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމަާއަށް މި ސަރުކާރުން މީގެ ކުރިން ވަނީ ހަވާލުކޮށްފަ އެވެ.