English Edition
Dhivehi Edition

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން އައްޔަންކުރާ މެމްބަރުކަމަށް ހަ ބޭފުޅެއްގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ފުރުސަތު މިދިޔަ ޖުލައި މަހުގެ 14 އަށް ހަމަވީއިރު، އެ މުއްދަތުގެ ތެރޭގައި އެ މަޤާމަށް ތިން ފަރާތެއް ވަނީ ކުރިމަތިލާފައެވެ. އެމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ޖޭއެސްސީގެ އާންމުންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މެމްބަރު އަބްދުލްހަންނާނު އަހްމަދުގެ ދައުރު ހަމަވާތީ އެވެ. އެހެންނަމަވެސް ޖޭއެސްސީގެ އާންމުންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ ކުރިން ޢަމަލުކުރަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ ދަށުން ކަމަށް ބުނެ، މިމަހުގެ ތިންވަނަ ދުވަހު ވަނީ އެމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފަ އެވެ.

މިފަހަރު ޖޭއެސްސީގެ މެމްބަރުކަމަށް އެދި ހުށަހަޅާފައި ވަނީ ހަ ފަރާތެކެވެ. އެ ހަ ބޭފުޅުންގެ ނަންވެސް ވަނީ މިއަދު މަޖިލީހުގައި އިއްވައި، ނަންތައް ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފަ އެވެ. އެ ހަ ބޭފުޅުންނަކީ ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ އާއި އަލީ މުހައްމަދު މަނިކު، ދަފްތަރު ނަމްބަރު 1851 އާއި އަހުމަދު މިޒްމާދު، މއ. ލޫޕިން އާއި އަހުމަދު ސާވީ، ދަފްތަރު ނަމްބަރު 5295ގެ އިތުރުން މިރުފަތު ފާއިޒު، މއ.ރަންފޮށި އަދި ހުސެއިން އަމްރު، ވ. ރޯޝަން އެވެ.

އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ޖޭއެސްސީގައި ތިއްބަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރަކާއި، ރައީސްގެ ފަރާތުން އިންނަވާ މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަދި ބަންޑާރަ ނައިބުގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރެކެވެ.