މޯލްޑިވްސް މާކެޓިންގ އެންޑް ޕީ.އަރ ކޯޕަރޭޝަންގެ ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި، މި ވަގުތު މަޤާމުގައި ތިއްބެވި ބައެއް ފަނޑިޔާރުން ހިމެނޭ ކަމަށް ވިދާޅުވެ ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ދެއްކެވި ވާހަކަތަކާއި ގުޅިގެން ދިވެހި ފަނޑިޔާރުންގެ ޖަމްއިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބިޝާމް ދެއްކެވި ވާހަކަތަކާއި ގުޅިގެން ފަނޑިޔާރުންގެ ޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ވިދާޅުވީ ފަނޑިޔާރުން ޢަމަލުތައް ބަހައްޓަންވާނީ އެމީހުންގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި، އަމާނާތްތެރިކަމާމެދު ޢާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަށް ކަމަށެވެ.އަދި އެއްވެސް މިންވަރެއްގެ ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭނަމަ، ކަމާބެހޭ އިދާރާތަކުން އެކަން ބަލައި ތަޙްޤީޤުކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އެ ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން މުޖުމަޢުގައި ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިދާނެ އެއްވެސް ޢަމަލެއް ފަނޑިޔާރެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވުމަށް އެންމެހައި ފަނޑިޔާރުންނަށް އެ ޖަމްްއިއްޔާއިންވަނީ ގޮވާލަފައެވެ.