އައްޑޫސިޓީ ގަމުގެ އިންޓަނޭޝަނަލް އެއަރޕޯރޓުގައި ހުންނަ ފްލައިން ސްކޫލް ހިންގުމަށް 3 ފަރާތަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ބުނެފި އެވެ.
އޭއައިއޭ އިން ރާއްޖޭގައި ހުންނަ ހަމައެކަނި ފްލައިން ސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އޭއައިއޭ އިން ބުނީ 8 ފަރާތަކުން މިކަމަށް ޝައުގުވެރިކަން ހުށައެޅި ކަމަށާއި ނަމަވެސް ޕްރޮޕޯސަލް ހުށައަޅާފައި ވަނީ 3 ފަރާތަކުން ކަމަށެވެ.
އޭއައިއޭ އިން މިގޮތައް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ އައްޑޫ ފްލައިން ސްކޫލް ބަންދުކުރުމަށް މިހާރު އެ ފްލައިން ސްކޫލް ހިންގަމުން އަންނަ އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޯޓިކްސް އިން ނިންމުމާއި ގުޅިގެން ނެވެ.
އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޯޓިކްސް އިން ވަނީ މި ފްލައިން ސްކޫލް އަންނަ އަހަރު ގެ ޖުލައި މަހު ބަންދު ކުރުމަށް ނިންމާ މި ސްކޫލް މާފަަރަށް ބަދަލު ކުރުމަށް ނިންމާފައިއެވެ. އެފަރާތުން މިގޮތަށް ނިންމީ މިތަން ހިންގުމަށް ދީފައިވާ ބިމުގެ ކުލީގެ ގޮތުގައި ނަގަމުންދާ އަދަދު ބޮޑުވުމާއި ގުޅިގެންގެންނެވެ.