މޯލްޑިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) ގެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު އެ ޖަމިއްޔާގައި މަސައްކަތް ކުރެއްވި ބޭފުޅަކު އެ މައްސަލަ ބަލަން ހުރުމަކީ މަސްލަހަތު ފުށު އަރާކަމެއްކަމުގައި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެމްޑީއެންއިން އިސްލާމް ދީނާ ދެކޮޅު ވާހަކަތަކެއް ލިޔެ، ޝާއިއު ކުރި ރިޕޯޓުގެ މައްސަލަ ބަލަމުން އަންނަ މި ދަނޑިވަޅު ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު އެ ޖަމްމިއްޔާގައި މަސައްކަތްކުރެއްވި ވާހަކަ މީޑިއާގައި ތިލަވުމާއެކު ގިނަ ބަޔަކުވަނީ އެ ޖަމްމިއްޔާ އާއި ދެކޮޅަށް ބަލަމުންދާ މައްސަލަ އިންސާފުވެރިކަމާއެކު ކުރިއަށްދާނެ ކަމާމެދު ސުވާލު އުފައްދާފައެވެ.
މި މައްސަލަ އާއި ގުޅިގެން ކުރީގެ ހޯމް މިނިސްޓަރ އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެމްޑީއެންގެ މައްސަލަ ތަހުގީގު ކުރާއިރު، ސީޕީ ހަމީދު ވަގުތީ ގޮތުން މަގާމުން ދުރަށް ޖެހިވަޑައިގަންވަން ޖެހޭ ކަމަށެވެ.
ސީޕީ ހަމީދު އެމްޑީއެންގައި މަސައްކަތްކުރެއްވި ވާހަކަތައް ފެތުރުމާއެކު ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސީޕީ މުހައްމަދު ހަމީދު ފުލުހުންގެ ވަޒީފާ އަދާކުރައްވމުން އެމްޑީއެންގެ އެއްވެސް މަޤާމެއް އަދާކުރައްވާފައި ނުވާ ކަމަށާއި، އެޖަމިއްޔާގައި މަސައްކަތްވެސް ކުރައްވާފައި ނުވާ ކަމަށެވެ.