ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް މީސްމީޑިޔާ މެދުވެރިކޮށް މަރުގެ އިންޒާރުދެމުން އަންނަ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައި ވަނީ މިއަދު އޮންލައިން ނޫސް”ސަން” އަށް މައުލޫމާތު ދެމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރެވެ. ފުލުހުންގެ ތަރުޖަމާނު ބުނީ މީސްމީޑިޔާ މެދުވެރިކޮށް މަރުގެ އިންޒާރުދޭ މައްސަލަތައް ފުލުހުން އަބަދުވެސް ބަލާ ކަމަށާއި، އެގޮތުން މިހާރު ސީޕީ ހަމީދަށް މަރުގެ އިންޒާރުދޭ މައްސަލަވެސް ބަލަން ފަށާފައިވާ ކަމަށެވެ.
“ސޯޝަލް މީޑިއާ މެދުވެރިކޮށް މީހުންނަށް ދޭ މަރުގެ އިންޒާރުގެ މައްސަލަތައް މި ސާވިސް އިން ދަނީ ބަލަމުން. ހަމަ އެ އުސޫލުގެ ދަށުން ކޮމިޝަނާ އޮފް ޕޮލިސް އަށް ދީފައިވާ މަރުގެ އިންޒާރުގެ މައްސަލަތައް ވެސް ދަނީ ބަލަމުން،” އިޒްމިއާ ވިދާޅުވިއެވެ.
ސީޕީ ހަމީދަށް މަރުގެ އިންޒާރުދޭ މައްސަލައެއް ފެންމަތިވެފައިވާ މި ދަނޑިވަޅަކީ ގިނަ ރައްޔިތުން ތަކެއް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް(އެމްޑީއެން) އިން ކީރިތި ރަސޫލާ އަށާއި އިސްލާމްދީނަށް ފުރަށްސާރަކޮށް ނެރެފައިވާ ރިޕޯޓަކާއިމެދު ހިތްހަމަ ނުޖެހިގެން އެ ޖަމިއްޔާއާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންދާ ދުވަސްވަރެކެވެ.
މައުލޫމާތު ލިބޭ ގޮތުގައި ސީޕީ ހަމީދަކީ އެމްޑީއެންގައި އިސް ސަފެއްގައި މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ. އަދި މި ދަނޑިވަޅުގައި ސީޕީ ހަމީދު އެމްޑީއެން ދިފާއުކޮށް ދައްކާފައިވާ ވީޑިއޯއެއް ވެސް ވަނީ ފެތުރިފައެވެ. ނަމަވެސް ފުލުހުން ވިދާޅުވީ ސީޕީ ހަމީދު އެ ޖަމިއްޔާ ގައި މިހާރު ނޫޅުއްވާ ކަމަށެވެ.