މިއަދުގެ ސަރުކާރަކުން ގާސިމް އިބްރާހިމް އަކަށް ދެރަގޮތެއް ނުހައްދަވާނެ ކަމަށާއި ކުރީގެ ސަރުކާރުތަކުން އެމަނިކުފާނާއި ދޭތެރޭ ވަރަށް ދެރަކޮށް ކަންތައްތައް ކޮށްފައިވާ ކަމަށް ސަރުކާރު ކޯލިޝަނުގެ އެއް ޕާޓީ ޖުމްހޫރީ ޕާޓީގެ ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިގޮތަށް ވިދާޅުވެފައިވަނީ ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި މެދު ވަރަށް ބޮޑަށް އިތުބާރު އެބައޮތް ކަމަށެވެ. އަދި ރައީސް ސޯލިހަކީ މަޑުމައިތިރި، ކެތްތެރިކަމާއި ވިސްނުންތެރި ކަމާއެކު ކަންކަން ނިންމަވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ރައްޔިތުންނަށާއި ޖޭޕީއަށް ކުރީގެ ސަރުކާރުތަކަށް ވުރެ ރަނގަޅަށް ކަންކަން ކުރަށްވާނޭ ކަމަށެވެ.
ގާސިމް އިބްރާހިމް ގެ ޖުމްހޫރީ ޕާޓީއަށް ކޮންމެ ހަފްތާ އަކު ދަނީ ގިނަ ބަޔަކު ސޮއިކުރަމުންނެވެ. ޖުމްހޫރީ ޕާޓީ އަކީ މިހާރު އެންމެ ކުރިއަރަމުން އަންނަ ޕާޓީއޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. ޖޭޕީއަށް ސޮއިކުރާ މީހުންގެ ތެރޭގައި ސަރުކާރުގެ ކުރީގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި އެހެން ޕާޓީތަކުގެ އިސްސަފުގައި އުޅުއްވި ބޭފުޅުން ހިމެނެއެވެ.