ނަރުހުންގެ ޚިދުމަތަކީ އެފަދަ ދެވަނައެއް ނެތް ޝުކުރުން ހިތް ފުރޭ ޚިދުމަތެއް ކަމުގައ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކިފާނު މިފަދައިން ވިދާޅުވެފައި މިވަނީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ލޮބުވެތި އެންމެހާ ނަރުހުންނަށާއި ނަރުހުންގެ ޢާއިލާތަކަށާއި އެންމެހައި ސިއްހީ ޚިދުމަތްތެރިންނަށް ފޮނުއްވުމަށް ނެރުއްވި ބަޔާނުގައެވެ.
އެ ބަޔާނުގައި ގާސިމް ވިދާޅުވީ ޝައްކެތްނެތްގޮތުގައި ނަރުހުންގެ ޚިދުމަތަކީ އެފަދަ ދެވަނައެއް ނެތް، އެ ޚިދުމަތަކާ މެދު ޝުކުރުން ހިތް ފުރޭ ޚިދުމަތެއް ކަމަށެވެ.
އިންސާނާއަށް އެންމެ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ވަގުތަކީ އޭނާ ބަލިހާލަތުގައިވާ ވަގުތު ކަމަށާއި އެހެންކަމުން ނަރުހުން ހިނިތުންވުމާއި ލޯތްބާއި އޯގާތެރިކަމާއެކު އަޅާލާ އަޅާލުމަކީ ބަލިމީހާގެ ތަކްލީފުތައް ދުރުވެ، الله ތަޢާލާގެ އިރާދަފުޅާއެކު ބަލިފަސޭހަވުމަށްޓަކައި އޮންނަ ވަރަށް އަވަސް މަގެއް ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމް ވިދާޅުވީ މިއަހަރުގެ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހާއި ދިމާކޮށް، ވިލާ ކޮލެޖުގައި ޑިޕްލޮމާ އިން ނާސިންގ ކޯސް ހަދަމުންދާ ދަރިވަރުންނަށް، އަހަރަކު ތިން ސްކޮލަޝިޕް ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާ ގުޅިގެން ވިލާފައުންޑޭޝަން މެދުވެރިކޮށް ހަމަޖެހިގެން ދިއުމަކީ އަދި އަންހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ދެ ސްކޮލަޝިޕާއި ފިރިހެން ކެންޑިޑޭޓުންނަށް އެއް ސްކޮލަޝިޕް ހަމަޖެހިގެން ދިއުމަކީ ނުހަނު އުފާކުރާ ކަމެއް ކަމަށެވެ.
އެހެނީ “އަހަރުމެންގެ ނަރުހުންނަކީ އަހުރުމެންގެ މުސްތަޤްބަލް” ކަމުގައިވުމަށްޓަކައި، ނަރުހުންގެ ތައުލީމަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.