ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރަކަށް އަނެއްކާ ވެސް ގާސިމް އިބްރާހިމް އިންތިހާބު ކޮށްފިއެވެ. ގާސިމް ގެ އިތުރުން ވޯޓަކާއި ނުލައި ޖުމްހޫރީ ޕާޓީގެ މަގާމުތަކަށް ހޮވުނު ހުރިހާ ބޭފުޅުންގެ ނަންތައް އެޕާޓީގެ އިންތިހާބީ ކޮމިޓީން ވަނީ އިއުލާން ކޮށްފައެވެ.
މި ނަންތައް އިއުލާނުކޮށްފައިވަނީ އެ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގެ ތިން ވަނަ ދަންފަޅީގެ ތެރެއިންނެވެ.
ލީޑަރަކަށް ހޮވުމަށް ފަހުގައި ޖޭޕީގެ މެމްބަރުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، އެ މަގާމަށް އެމަނިކުފާނަށް ވާދަކުރާނެ މީހެއް ނެތުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި ވޯޓުނުލާ ލީޑަރުގެ މަގާމަށް ހޮވުމުން މާބޮޑު އުފަލެއް ނުވާ ކަމަށާއި ނަމަވެސް ޖޭޕީއިން އެމަނިކުފާނަށް އެ މަގާމު ދިނުމުން އެކަން ބަލައިގަންނަ ކަމަށް ގާސިމް ވިދާޅުވިއެވެ.
ވޯޓަކާ ނުލައި ހޮވިފައިވާ މަގާމުތަކުގެ ތެރޭގައި ޖޭޕީގެ ލީޑަރުގެ މަގާމަށް އޮނަރަބަލް ގާސިމް އިބްރާހީމް އަދި ޒުވާނުންގެ ލީގުގެ ރައީސްގެ މަގާމަށް އަބްދުﷲ ޔާމީން ނ. ވެލިދޫ، ޒުވާނުންގެ ލީގުގެ ނައިބު ރައީސްކަމުގެ މަގާމަށް ޝުއައިބު ޝިފާޒް ޝަރީފް. ކ. މާލެ އަދި އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމަށް އައިޝަތު ޝޫޒާ އަޙްމަދު ހިމެނެއެވެ.
މި މަގާމުތަކުގެ އިތުރުން މި ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެމްބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސްގެ އިތުރުން އަންހެނުންގެ ލީގުގެ މެމްބަރުން، އަދި ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ 25 މެމްބަރުން އިންތިހާބު ކުރުމަށްވަނީ ހަމަޖެހިފައެވެ. މިކަންކަންވެސް ކުރިޔަށްދާނީ މިއަދުއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 8:45ގައެވެ.