English Edition
Dhivehi Edition

ބަޔަކު ކަމަކާއިގެން އުޅޭ ނަމަ މަލާމަތާއި ފުރައްސާރަކުރުމަކީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ކޮންމެ އިރެއްގައިވެސް އޮންނަ ކަމެއް ކަމަށާއި މޭވާ ނާޅާ ގަހަކަށް ގަޅި ނޫކާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ އަރިއަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ހަންޏާމީދުއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ، ރިޔާސީ ކެމްޕެއިނާ ގުޅުވައިގެން އެމަނިކުފާނަށް މަލާމާތާއި ފުރައްސާރަކުރި ކަމުގައި ވިޔަސް ފަރުވާލެތް ނެތް ކަމަށެވެ. އަދި މީހަކު މަލާމާތްކޮށްފާނެތީ ނުވަތަ ޖެއްސުމާއި ފުރައްސާކޮށްފާނެތީ ކޮންމެހެން ހާސްވެ، ކަންބޮޑުވެނުލައްވާ ކަަމަށެވެ.

” އަނބުގަހެއްގައި އަނބުއަޅައި ފުރިފައި ހުރި ނަމަ ގަޅި އުކާނެ . ހުސްފަތް ހުރި ގަހެއް ނަމަ ގަޅި އުކާނެ މީހަކު ނުވާނެ ” ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިހާރު އެމަނިކުފާނާ ދިމާއަށް ގަޅިއުކަނީ ރިޔާސީ ރޭހަށް ނުކުމެވަަޑައިގަތުމުން ބަޔަކު މީހުން ޖެހިލުންވެބިރުގަންނާތީ ކަމަށެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމްގެ އިންތިހާބީ މަންދޫބު އަލީ ވަހީދު ވިދާޅުވީ ގާސިމް ސަރުކާރާކުރިމަތި ކުރުވި އެއްވެސް ސުވާލަކަށް ސަރުކާރުން ޖަވާބުދާރީ ވެފައި ނުވާކަމަށެވެ. އަދި އޭގެ ބަދަލުގައި މި ފެނުނީ ހަޖޫ ޖަހާ މަލާމާތް ކުރަމުން ގެންދާ ތަންކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.