English Edition
Dhivehi Edition
އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޢުމްރާއަށް މީހުން ގޮވައިގެން ދިޔަ ބަހަކާއި މުދާ ބަރުކޮށްގެން ދިޔަ ވެހިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ދިވެހި އެއްވެސް ޢުމްރާވެރިއަކަށް އަނިޔާވެފައި ނުވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޢުމްރާވެރިން ދަތުރުކުރި ބަސް އެކްސިޑެންޓުގައި މިހާތަނަށް ބެލި ބެލުމުން ދިވެހި އެއްވެސް ޢުމްރާވެރިއަކަށް ގެއްލުންވެފައި ނުވާ ކަމަށެވެ. އަދި ދިވެހި ހުރިހާ ޢުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމުގައިވެސް އެ މިނިސްޓްރީ އިން ބުނެއެވެ.

މީގެ އިތުރުން، އިސްލާމިކް މިނިސްޓްރީ އިން ހާމަކުރާ ގޮތުގައި މިހާތަނަށް ބެލި ބެލުމުން އެކްސިޑެންޓުވި ބަހުގައި ދިވެހި އެއްވެސް ޢުމްރާވެރިއަކު ދަތުރުކޮށްފައި ނުވާ ކަމަށެވެ.

މިއަދު ހިނގި އެ އެކްސިޑެންޓުގައި ބަހުން ދަތުރުކުރި 35 މީހަކު ނިޔާވެ 4 މީހަކަށް ސީރިޔަސް އަނިޔާތަކެއް ވަނީ ވެފައެވެ. ސައުދީގެ ރަސްމީ ޓީވީން ބުނީ މި ހާދިސާ ހިނގާފައި ވަނީ މާތް ވެގެންވާ މަދީނާ ސިޓީ ކައިރީގައި ކަމަށެވެ.

އެޤައުމުގެ ޙަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓު ކުރާ ގޮތުގައި އެކްސިޑެންޓް ވި ބަހުގައި ދަތުރުކުރީ ޢަރަބިންނާއި އޭޝިޔާ ބައްރުގެ މުސްލިމުން ކަމަށެވެ. އަނިޔާވި ފަރާތްތައް އަލް-ހަމްނާ ހޮސްޕިޓަލަށް ގެންދެވިފައިވާއިރު ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މިހާދިސާ ހިނގާދިޔަގޮތުގެ ތަޙުޤީޤެއް ފަށާފައެވެ.