ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ޢާއިޝަތު ބިޝާމް، މަޤާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އިން ނިންމި ނިންމުން މިއަދު ބާތިލްކޮށްފި އެވެ.
ޕީޖީ ބިޝާމް ވަކިކުރުމަށް ނިންމާފައިވަނީ އިއްޔެ ޖުޑީޝަރީ ކޮމިޓީ އިން ބޭއްވި ބައްދަލުވުމުގަ އެވެ. ނަމަވެސް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެ ނިންމުން ބާތިލްކޮށްފަ އެވެ. އެ ނިންމުން ބާތިލް ކުރަން ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ. އަދި އެ ހުށަހެޅުއްވުން ފާސްވީ ކޮމެޓީގެ ހަތަރު މެންބަރަކު ތާއިދު ކުރެއްވުމާއެކުއެވެ.
އިއްޔެގެ ނިންމުން ބާތިލްކުރުމަށް ޖިހާން ހުށަހެޅުއްވީ، އެމްޑީޕީން އެފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް، ބިޝާމް ވަކިކުރަން ހުށަހަޅާފައި އޮތުމާއި ކޮމިޓީގައި މަދުން މެމްބަރުން ތިއްބެވި ވަގުތެއްގައި އެގޮތަށް ނިންމާފައި ވާތީ އެވެ.
ޕީޖީ ބިޝާމް ވަކިކުރުމުގެ މަސައްކަތް ފެށުމަށް އިއްޔެ ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. ނަމަވެސް މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމަށް އޭނާ ވަޑައިނުގަންނަވަ އެވެ.
ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މީގެ ކުރިންވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދެފަހަރެއްގެ މަތިން ހުށަހަޅައިފަ އެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު އެ މައްސަލަ މަޖިލީހުގެ ތަޅުމާއި ހަމައަށް ގޮސްފައި ނުވެއެވެ.
އެކަމަނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައި މިވަނީ މަޤާމުގައި ހުންވައިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ސިޔާސީ ބޭފުޅުންގެ މައްޗަށް ނުޙައްޤުން ގިނަ ދައުވާތަކެއް ކުރެއްވި މައްސަލައިގަ އެވެ. އަދި މިމައްސަލައާއި ގުޅިގެން ބިޝާމް މަޤާމުން އިސްތިއުފާދެއްވުމަށްވެސް ގިނަ މެމްބަރުން ގެންދަވަނީ ގޮވައިލައްވަމުންނެވެ.
ޕީޖީގެ މަޤާމަށް ބިޝާމް އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 24 ނޮވެމްބަރު 2015 ގައެވެ.