English Edition
Dhivehi Edition

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ޢާއިޝަތު ބިޝާމް، މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އިން ފަށައިފިއެެވެ.

ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޕީޖީ ބިޝާމް، މަޤާމުން ވަކިކުރުމަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އަދި މި ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ކަމުގައިވާއިރު، ހުށަހެޅުން ފާސެވެފައި ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޖުޑީޝަރީ ކޮމިޓީ އިން މިއަދު ނިންމާފައި ވަނީ ޕީޖީގެ މަޤާމުން ބިޝާމް ވަކިކުރުމަށް ފެންނާތީ، ރައްޔިތުންގެ މަޖިލީހުގެ އާ ޤަވާއިދުގައި ބުނެފައިވާ ގޮތުގެ މަތީން އެމައްސަލަ މަޖިލީހުގެ ރިޔާސަތަށް ސިޓީއަކުން ފޮނުވުމަށެވެ.

ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މީގެ ކުރިންވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދެފަހަރެއްގެ މަތިން ހުށަހަޅައިފަ އެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު އެ މައްސަލަ މަޖިލީހުގެ ތަޅުމާއި ހަމައަށް ގޮސްފައި ނުވެއެވެ.

އެކަމަނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައި މިވަނީ މަޤާމުގައި ހުންވައިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ސިޔާސީ ބޭފުޅުންގެ މައްޗަށް ނުޙައްޤުން ގިނަ ދައުވާތަކެއް ކުރެއްވި މައްސަލައިގަ އެވެ. އަދި މިމައްސަލައާއި ގުޅިގެން ބިޝާމް މަޤާމުން އިސްތިއުފާދެއްވުމަށްވެސް ގިނަ މެމްބަރުން ގެންދަވަނީ ގޮވައިލައްވަމުންނެވެ.

ޕީޖީގެ މަޤާމަށް ބިޝާމް އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 24 ނޮވެމްބަރު 2015 ގައެވެ.