English Edition
Dhivehi Edition

ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ އަމިއްލަ ހޮސްޕިޓަލް ކަމުގައިވާ އޭޑީކޭ ހޮސްޕިޓަލުން އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް ސްޕެޝަލައިޒޭޝަން ކިޔެވުމަށް ދޫކުރާ ސްކޮލަރޝިޕްގެ ދަށުން ތަޢުލީމް ހާސިލްކުރި ފުރަތަމަ ބެޗު، ކިޔެވުން ފުރިހަމަ ކުރުމަށްފަހު ޚިދުމަތަށް ނިކުންނަން ފަށައިފި އެވެ.

އޭޑީކޭ ސްކޮލަރޝިޕްގެ ދަށުން ތަޢުލީމް ހާސިލްކުރި ފުރަތަމަ ބެޗުގައި ހިމެނެނީ ދެ އަންހެން ޑޮކްޓަރުންނާއި އެއް ފިރިހެން ޑޮކްޓަރެކެވެ. އެއީ ޑރ. މައުރޫފް ވިސާމް އާއި، ޑރ. ޒާހިޔާ އަބްދުލް ބާރީ އަދި ޑރ. މައުރޫފާ އަބްދުއްލަތީފް އެވެ. އޭޑީކޭ އިން ވަނީ މި ތިން ޑޮކްޓަރުންނަށްވެސް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

މީގެތެރެއިން ޑރ. މައުރޫފް ވިސާމް ސްޕެޝަލައިޒްވެފައި ވަނީ ޖެނެރަލް ސާޖަރީ އިން ކަމުގައިވާއިރު، ޑރ. ޒާހިޔާ ސްޕެޝަލައިޒްވެފައި ވަނީ އޮބްސްޓްރެޓްރިކްސް އެންޑް ގައިނެކޮލޮޖީ އިންނެވެ. އަދި ޑރ. މައުރޫފާ ސްޕްޝެލައިޒްވެފައި ވަނީ އީއެންޓީ އެންޑް އެޗްއެންއެސް އިންނެވެ.

އޭޑީކޭއިން މަޢުލޫމާތު ދެއްވާ ގޮތުގައި ޚިދުމަތަށް އަލަށް ނިކުތް ތިން ޑޮކްޓަރުންނަކީވެސް މީގެ ތިން އަހަރުކުރިން އެ ހޮސްޕިޓަލުން ހުޅުވާލި ސްކޮލަރޝިޕްގެ ދަށުން ކޯސް ފުރިހަމަ ކުރި ދަރިވަރުންތައް ކަމަށާއި، އޭގެ ތެރެއިން ދެ ދަރިވަރުން ކޯސް ފުރިހަމަކުރީ ނޭޕާލްގައި ކަމަށްވާއިރު، އަނެއް ދަރިވަރު ވަނީ ރަޝިއާގައި ކޯސްފުރިހަމަކޮށްފައެވެ.

އޭޑިކޭ އިން ވަނީ ކުރިއަށް އޮތް ތަނުގައިވެސް އެކި ދާއިރާތަކުން ޑޮކްޓަރުން ތަމްރީންކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެފައެވެ.