English Edition
Dhivehi Edition

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރުގެ މަޤާމަށާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ މާފަންނު ބަގީޗާ މުޙައްމަދު ޝިހާބު ކަމަށާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒްގެ މަގާމަށް އައްޔަންކުރެއްވީ ފާދިއްޕޮޅު ހިންނަވަރު، ހިޔާވަހި މުޙައްމަދު މާހިރު ޢީސާ ކަމަށެވެ. މި ދެ ބޭފުޅުންގެ މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖެއްސެވި މުޙައްމަދު ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގިނަ ދުވަސްތަކެއްވަންދެން ފުރުއްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ދެ ވުޒާރާއެއްގެ ވަޒީރުކަމާއި މާލެ ސިޓީގެ މޭޔަރުކަމުގެ އިތުރުން ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސް މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު ޝިހާބު މަތީ ތަޢުލީމު ޙާޞިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ ޖޭމްސް ކުކް ޔުނިވަރސިޓީންނެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރ ހޯމްއެފެއާޒްގެ މަގާމަށް ހަމަޖެއްސެވި މުޙައްމަދު މާހިރު ޢީސާއަކީ މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބުގެ މަގާމާއި ފާދިއްޕޮޅު އަތޮޅު ކައުންސިލަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.