English Edition
Dhivehi Edition

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ ރައީސް ގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާދެއްވުމާ ގުޅިގެން އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު އިސްތިއުފާ ދިނުމުން އެ ކޮމިޝަނަށް ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރައީސް އޮފީހުގެ އިޢުލާނުގައިވާ ގޮތުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 20 އާއި ހަމަޔަށް ހުޅުވާލާފައިވާ އިރު އެ އިއުލާނުގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް ވެސް ފާހަގަ ކޮށްފައި ވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް އިސްތިއުފާ ދީފައިވާއިރު އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ، ހުންނެވި މަގާމުން ވަކިކުރަން މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެހެންކަމުން މިހާރު އެ މަގާމުވެސް ވަނީ ހުސްވެފައެވެ.