English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް، ގދ.ފަރެސްމާތޮޑާ، ހުސްނުހީނާގެ މުޙައްމަދު ޢާމިރު އަޙްމަދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

ޤައުމީ އަރުޝީފުގެ ޑިރެޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާފައި މިވަނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) އިން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.މިއީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ. އަދި އެއީ އެ އިދާރާގެ އެންމެ އިސް މަގާމުވެސް މެއެވެ.

ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރެއްވި މުޙައްމަދު ޢާމިރަކީ ދިވެހިބަހުގެ ބެޗްލާސް ޑިގްރީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެއިތުރުން ޢާމިރަކީ މީޑިޔާ އަދި ދިވެހިބަސް ކިޔަވައި ދެއްވުމާއި ބަހުގެ މުޤައްރަރު ތައްޔާރުކުރުމުގަޔާއި، ލިޔުންތެރިކަމުގެ ދައިރާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޢާމިރު އެންމެފަހުން އަދާކުރައްވާފައި ވަނީ ސަންމީޑިޔާ ގްރޫޕުގެ ޑިރެކްޓަރ އެޑްމިން އެންޑް އެޗްއާރުގެ މަޤާމެވެ. ތާރީޚީ ޢިލްމުވެރިޔާ މުހައްމަދު ޝާތިރު ކޮމިއުނިކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ އަރުޝީފްގެ އިސްވެރިއެއްގެ މަޤާމުގައެވެ.