އައްޑޫ ސިޓީގައި ފެންބޮޑުވާ މައްސަލަ ހައްލުނުވެ ކުރިއަށްދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދަޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި ޝަރީފް އިތުރަށް ވިދާޅުވެފައި ވަނީ ސްޓޯމް ވޯޓަރ ޑްރެއިނޭޖު ސިސްޓަމެއް އައްޑޫ ސިޓީގައި ޤާއިމްކުރުމަށް މިއަހަރު ބަޖެޓު ކުރެވިފައި އޮތްނަމަވެސް، އެ މަސައްކަތް އަދިވެސް ފެށިގެން ކުރިއަށް ނުދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
Addu ga fenboduvaa masala hallu nuve kuriyahdhaakamee kanbodu vaa kameh. Storm Water drainage system e cityga qaaimu kurumah mi aharu Budget kurevifa oinama ves e masakkaiy adhi ves feshigen kuriyah nudhaathee kan boduvey. Mi kamuge amalee masakkaiy feshun avas Koh dhevvun adhen
— Ibrahim Shareef (@AdduShareef) October 12, 2019
“މިކަމުގެ ޢަމަލީ މަސައްކަތް ފެށުން އަވަސްކޮށްދެއްވުން އެދެން”، ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އައްޑޫ ސިޓީ ކައުންސިލާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަދި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ޓެގްކުރައްވައި ކުރެއްވި ޓްވީޓެއްގައި ޝަރީފް ވަނީ އައްޑޫ ސިޓީގެ ފެންބޮޑުވާ މައްސަލައަކީ އަވަސް ހައްލެއް ބޭނުންވާ ކަމެއްކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ.
Addu City ge fen boduvaa masala akee avas halle beynun vaa kameh.emmenah ves ingey.Mi aharu Budget ga vaa gothah storm water drainage system ge masakkaiy feshun avas Koh dhevvumah sarukaaruge kamaabehey idhaaraathakuga dhannavan @AslamAslamtey @AdduCityCouncil @iameeru @ibusolih
— Ibrahim Shareef (@AdduShareef) October 12, 2019
“ބަޖެޓުގައިވާ ގޮތަށް ސްޓޯމް ވޯޓަރ ޑްރެއިނޭޖް ސިސްޓަމްގެ މަސައްކަތް ފެށުން އަވަސްކޮށް ދެއްވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ދަންނަވަން”، އެ ޓްވީޓްގައި ޝަރީފް ވިދާޅުވެފައި ވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ގިނަ ގެތަކަށް ވަނީ ފެންވަދެފަ އެވެ. މަގުތަކުންނާއި ފެން ވަދެފައިވާ ގެތަކުން ފެން ހިއްކުމުގެ މަސައްކަތް ފުލުހުންނާއި ސިޓީ ކަމުންސިލާއި އަވަށު އޮފީސްތަކާއި ޑިޒާސްޓަރ މެނޭޖްމަންޓާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ އިތުރުން ސްކޫލްތަކުގެ ކެޑޭޓުންނާއި ވޮލަންޓިއަރުންނާއި ޢާއްމުންގެ ގިނަ ބަޔަކުވެސް ދަނީ ކުރަމުންނެވެ.